އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް އޮތީ 2014 ވަނަ އަހަރުގައިވެސް އެ މަސައްކަތްތައް އޮތް ހިސާބުގައިކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ކުރިއަށް ގެންދެވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމްވަނީ އައްޑޫގެ ތަރައްގީގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގެ މަތިން ކުރެވިފައިނުވާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ދިވެހިން ތިބީ ދިވެހިންނަށް ހައްގުވާ މިންވަރު ލިބިގަނެގެން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫއަށް ޒިޔާރަތް ނުކުރެއްވި ހުންނެވުމަށްފަހު ވަޑައިގެން ކަންކަން ބެއްލެވުމުން ފެނިގެންދަނީ 2014 ވަނަ އަހަރުގެ ތެރޭގައިވެސް ކަންކަން ހުރި ގޮތުގެ މަތީގައި ހުރި މަންޒަރުކަމަށެވެ. ނާޒިމް ވިދާޅުވީ، ފެނާއި ނަރުދަމާ ގާއިމުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައިވާ މަންޒަރު ފެންނަކަމަށެވެ.
އޭނާ ވިދާޅުވީ، 2014 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގައި ހުންނެވި އިރު، ހިއްކި ބިމެއްވެސް ފެނިގެންދާކަމަށެވެ. އެހެންނަމަވެސް އެ ބިމުގައި ޔަގީނުންވެސް އިގްތިސާދީ އެއްވެސް މަސައްކަތްތަކެއް ކުރެވެމުން ނުދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، ރަށާއި ރައްޔިތުންނަށް މާލީ މަންފާތަކެއް ލިބިގެންދާނެ ފަދަ އެއްވެސް މަސައްކަތެއް ކުރެވެމުންދާ މަންޒަރެއް ފެނިވަޑައިނުގަންނަވާކަމަށެވެ.
ނާޒިމް ވިދާޅުވީ، އައްޑޫގެ ކައުންސިލާއި ރާއްޖޭގައި ވެރިކަންކުރި ސަރުކާރުތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ދެކުލައިގެ ސަރުކާރުވެސް ނިމިގޮސްފައިވާއިރު، ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ކޮށްދެވިފައިނުވާކަމާއިމެދު ރައްޔިތުން ވިސްނަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ، ރައްޔިތުންގެ ޖީބަށް ފައިސާ ނުވަންނަ ހިނދު ފައިދާއެއް ވެގެންދާކަމަށް ބެލެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް އާއި ގުޅިގެން ބަންދު ކުރެވުނު ރިސޯޓުތައް އަދިވެސް ”ވުޖޫދަކަށް“ ނާންނަކަމަށެވެ.
ނާޒިމް ވިދާޅުވީ، ރިސޯޓު ވަޒީފާތަކުގައި ތިބި މީހުން ތިބީ ބިކަވެ ހާލުގައި ޖެހިފައިކަމަށެވެ. އޭނާ ވިދާޅުވީ، ރަށުގައި ތިއްބެވި ރައްޔިތުންނަށް ދިރިއުޅެވެމުންދަނީ އާއިލީ މީހަކު މާލޭގައި ހުރެ މަސައްކަތްތަކެއް ކޮށްގެން ހޯދާ އާމްދަނީގެ ބާރުގައިކަމަށެވެ.
ނާޒިމް ވިދާޅުވީ، އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އެ ކަންކަން ބަދަލުކުރުމަށް ރައްޔިތުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވާކަމަށެވެ. ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ވަނީ ރާއްޖޭގެ މައި ދެ ޕާޓީގެވެސް ސަރުކާރު ތަޖުރިބާ ކުރެވިފައިކަމަށާއި އެހެންކަމުން އެެހެން ޕާޓީއަކަށް ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ދެއްވުން އެއީ ރަނގަޅު ކަމެއް ކަމަށް ނާޒިމް އިޝާރާތްތަކެއް ކުރެއްވިއެވެ.

