ލިބިފައިވާ ބާރުތައް ނަހަމަގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ބ. ކުޑަރިކިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަ މީހަކަށް ވަރަށް ގިނަ ބާރުކަތެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޝަރުއީ ދާއިރާއާއި އެހެން ތަންތަން ވެސް ހިނގާނީ މިނިވަންކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަކީ ހަމަހުރެފައި ވިސްނުމެއް ހިޔާލެއް ނެތި ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައީސް ސާލިހް ވިދާޅުވީ ދައުލަތުގެ ފައިސާ އަމިއްލަ ޖީބަށްލުމުން ފައިސާވެސް ނުހުންނާނެ ކަމަށެވެ. ރައީސް ގެނެސްދެއްވި ތަރައްގީ ގެންނަން ވާދަވެރި ކެންޑިޑޭޓުންނަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
ކުރިގެ ސަރުކާރުން ކަންކުރުމުގައި ޕްލޭނެއް ނެތް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަމައެކަނި އެމްޓީސީސީން ވެސް މިހާރު 120 އަށްވުރެ ގިނަ ޕްރޮޖެކްޓް ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގިނަ ރަށްރަށަކީ އަސާސީ ހިދުމަތް ނުލިބި ހުރި ރަށްރަށް ކަމަށެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކޮށްދޭވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމެއް ގާއިމްކޮށް ބާރުތައް ކައުންސިލަށް ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައއްޔިތުން އިންތިހާބުކުރާ މީހުން ރައްޔިތުން ކައިރީ ތިބެގެން އެމީހުން ބުނާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ އެއްވައުދެ ކަމަށްވާ ކައުންސިލްތައް އިތުރަށް ބާރުވެރިކުރުން މި ސިޔާސަތުގެ ދަށުން އެމީހުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ދޭ ފައިސާގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރަށުގެ ހެލްތު ސެންޓަރުގައި މަދުވާ ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށާއި، ކަރަންޓާއި، އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި އިތުރު ވައުދުތައްވެސް ވެވަޑައިގެންނެވިއެވެ.

