އާބަންކޯގެ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުން އެތަނުގެ މުވައްޒަފުންގެ ވަޒީއަށް އޭގެ އަސަރު ކުރާނެކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުއިއްޒު ކެމްޕެއިންގެ މެނިފެސްޓޯ އާންމު ކުރެއްވި އިރު، އެ ސިޔާސަތުތަކުގައި އާބަންކޯ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތައް ނެގުން ވަނީ ހިމަނާފަ އެވެ. އެ ހުރިހާ މަސައްކަތެއް ސިޓީ ކައުންސިލުން ބެލެހެއްޓުމަށް މުއިއްޒު ހުށަހެޅުއްވި އިރު މީގެ ކުރިން ވެސް މި މައުޟޫއުގައި އެކި ގޮތްގޮތުން ވަނީ ވާހަކަ ދެކެވިފަ އެވެ.
ށ. އަތޮޅުގެ ދަތުރުގައި ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، އޭނާ އެރޭ ހުޅުމާލޭގައި ދެއްކެވި ވާހަކައިގެ ހަގީގަތް އޮޅުވާލައި ސަރުކާރާއި، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދާ ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތް ހުރީ، އެ މެނިފެސްޓޯ ބޭނުންކޮށް އިދިކޮޅުގެ މަސައްކަތާއި މެދު ސުވާލު އުފައްދައި އޮޅުވާލައިގެން ވަޒީފާގެ ބިރު ދެއްކުމަށްކަމުގައި މުއިއްޒު ވިދާޅުވި އެވެ.
އާބަންކޯގައި ހާހަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ސަރުކާރުން އެ މުވައްޒަފުންނަށް އެއީ ގެއްލޭނެ ވަޒީފާތަކެއްކަމަށް ސަރުކާރުން ވިސްނައިދޭން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް މުއިއްޒު ވިދާޅުވީ ވަޒީފާ ގެއްލިދާނެކަމަށް ނުވަތަ ދެން މުސާރަ ލިބޭނެ ގޮތްތައް ބަންދުވެގެން ދާނެކަމަށް އެ މުވައްޒަފުންނަށް ބައެއް ވެރިން އަންގަމުންދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއީ ހަގީގަތެއް ނޫންކަމަށާއި، ގެއްލޭނެ އެއްވެސް ވަޒީފާއެއް ނެތް ކަމަށެވެ. އެހެންވެ އޭނާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން މާލެ ސިޓީ ކައުންސިލްއާއި ބެޖެޓާއި، ވަސީލަތްތަކާއި އެއްކޮށް ހަވާލު ކުރާނެ ކަމަށެވެ. އެއީ ވަޒީފާގެ ބިރެއް އޮތް ސަބަބެއް ނޫންކަމަށާއި، ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާގެ ޔަގީންކަން އޮންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

