މޯލްޑިވިއަން ޑިމޮކޮރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ގެ ކެމްޕެއިން އިވެންޓެއް މިއަދު މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ 8:00 ގައި ބާއްވަން ހަމަޖެހިފައި މި ހަރަކާތަކީ އެމް.ޑީ.ޕީއިން އާންމުކޮށް ބާއްވާ ޖަލްސާތަކާއި އަދި އެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތުކޮށް އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެކެވެ.
އެމްޑީޕީއަކީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕެއިން ޖަލްސާތަކާއި އަދި މިނޫންވެސް ކެމްޕެއިން ކުރުމުގެ ގިނަ ސިޔާސީ ހަރަކާތްތައް ރާއްޖެއަށް ތައާރަފް ކުރި ޕާޓީއެކެވެ. މިރޭ ބާއްވާ މި ހަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތަތަކަށް އެމްޑީޕީއިން ތައާރަފު ކުރާ ހަރަކާތްތަކުގެ ތެރެއަށް އިތުރު ވެގެންދާނެ ނަންބަރެކެވެ.
މިރޭ ބާއްވަން ހަމަޖެހިފައިވާ މި އިވެންޓުގައި އެމް.ޑީ.ޕީ އިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ ”އިގްތިސާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. މި އިވެންޓުގައި އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަްމަދު ސާލިހް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކުރިއަށް އޮތް ރިޔާސިީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އާއި އެމްނުކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް އާއި އަދި ޕާޓީގެ ކެމްޕެއިން ޓީމްއިން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިޔާ އެކު ކުރިޔަށް ގެންދެވެ. ރައީސްގެ ކެމްޕެއިން ދަތުރުގައި ގިނަ ރަށްރަށަށް ވަޑައިގެންފައިވެއެވެ. އެގޮތުން މިހާރު ރައީސްގެ ކެމްޕެއިން ދަތުރުގައި ރާ އަތޮޅަށް ވަޑައިގެންފައިވެއެވެ.

