އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އޮޑިދޯނި ފަހަރު ބަނުމަށް، ފައިބަރުގެ ބޭނުން ކުރުން ހުއްޓުވައި ރައްކާތެރި ގޮތަކަށް އެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިވަގުތު ހުންނެވީ ނ. އަތޮޅުގަ އެވެ. ރަށްތަކުގެ ބައްދަލުވުންތަކަށް ފަހު ކޮންމެ ރެއަކު ވެސް ބާއްވާ ބޮޑު ޖަލްސާގެ ތެރެއިން ނ. ވެލިދޫގެ ހަރަކާތުގައި މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް ލިބިފައިވާ ކަމަށެވެ.
އެގޮތުން އާންމުން ދިރިއުޅޭ ސަރަހައްދުގައި ފައިބަރުގެ މަސައްކަތް ކުރާއިރު، މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ވަކި ބިމެއް ކަނޑައެޅި ކުރަން ޖެހޭ މަސައްކަތެވެ. އެކަމަކު އާންމުންނަށް އޭގެ އަސަރު ކުރާ ފަދަ ގޮތަކަށް މަސައްކަތް ކުރުމަކީ، އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ބައެއް ހިސާބުތަކުގައި ޒަމާނުއްސުރެ ކަން ހިނގަމުން އައި ގޮތެވެ. އެހެންކަމުން ދޯނިތަކާއި، ލޯންޗުތަކުގެ މަސައްކަތް ރަށްތަކުގައި ކުރިޔަށް ގެންދާއިރު އެއީ އާންމުނާއި ދުރު ސަރަހައްދެއްގައި ކުރިޔަށް ގެންދާ މަސައްކަތަކަށް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލައަށް މުއިއްޒު ދެއްވި ހައްލަކީ، ވަކި ރެޒިޑެންޓަލް ޒޯނެއްގައި މަސައްކަތް ކުރެވޭނެ ގޮތެއް ގާއިމު ކުރުމެވެ.
ފައިބަރުގެ މަސައްކަތްތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީގައި ކުރިޔަށް ގެންދާތީ، އެކަމުގެ ޝަކުވާތައް ގިނަ ނަމަވެސް ގާނޫނީ ގޮތުން އެކަމަށް އެޅޭ މާ ބޮޑު ފިޔަވަޅެއް ނެތެވެ. ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް ވެސް މި މައްސަލައިގައި ހުރިއިރު، ދޭތެރެއަކުން ބައެއް ރަށްތަކުގެ ބަނދަރާއި ކައިރީގައި އެ މަސައްކަތް ކުރާތީ އޭގެ އަސަރު މުޅި ސަރަހައްދުގައި ހުންނަކަން ދާއިރާގެ ބޭފުޅުން ފާހަގަ ކުރެ އެވެ.

