ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދިއުމަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިނިވަން ކެންޑިޑޭޓު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ،
ދިވެހިރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ފާރިސްވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގ ގިނަ އަދަދެއްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރަމުންދާ މަސައްކަތުން އެކަށިގެންވާ އާމްދަނީއެއް ނުލިބުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެންދިއުމުގެ ސަބަބުން އިންތިހާއަށް ދަތި ހާލަތު ކުރިމަތިވެފައިވުމުގެ މައްސަލަ އޮތްކަމަށެވެ.
ފާރިސް ވިދާޅުވީ، މަސައްކަތްތަކެއް ނުވަތަ ވަޒީފާތަކެއް އަދާކުރިނަމަވެސް މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ކުލި ދައްކައި ބިލު ދައްކައި ހެދުމަށްފަހު އާއިލާގެ ކަންކަން ހަމަޖެއްސުމުން އަތް މަތި ހުސްވެގެންދާކަމަށެވެ. ފާރިސް ވިދާޅުވީ، އިސްވެ ދެންނެވި ކަންކަންވެސް ދަރަންޏަށް ހަމަޖައްސަންޖެހިފައިވާ ހާލަތު މެދުވެރިވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އެހެންކަމުން އެއީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ފާރިސް ވިދާޅުވީ، އެކަމުގެ ހައްލަކީ ކޮންމެ މީހަކަށްވެސް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ”ސެކިއަރ“ ވަޒީފާއަކީ ސަރުކާރުން ދެމުންދާ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ.
ފާރިސް ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓާރގައި ވަޒީފާކުރާ މީހުންގެ ހައްގުތައް ކަށަވަރުކުރަންޖެހޭކަމަށާއި އަމިއްލަ މަސައްކަތްތައް ފެށުމަށް މަގުތަކެއް ފަހިކޮށްދޭންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރަނގަޅު ވިސްނުމެއްގެ ދަށުން ދިވެހިރާއްޖެއަށް ”ސްޓާރްޓް އަޕް ކަލްޗާ“ ގެނެސްދެއްވުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން އެފަދަ ކުންފުނިތައް ކުރިއަރައިގެން ދާއިރު އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން އެ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ އަމިއްލަ ގޮތުން އާމްދަނީ ހޯދޭ ބަޔަކު ރައްޔިތުންގެ ތެރެއިން އުފެއްދޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފާރިސް ވިދާޅުވީ، އެފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ވަސީލަތްތައް މިހާރުވެސް ހުރިކަމަށާއި އެހެންނަމަވެސް ގާނޫނީ އިސްލާހުތަކެއް ބޭނުންވާކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކުގެ ސަބަބުން ލިބޭ އާމްދަނީ ބަލައިގަނެވޭނެ މާލީ ނިޒާމުގެ ތެރެއިން އިންތިޒާމުކުރަންޖެހޭކަމަށާއި މޮނެޓަރީ ޕޮލިސީ އަދި މަރުކަޒީ ބެންކުގެ ބައެއް ކަންކަންވެސް އިސްލާހުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

