ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއިޓީގައި ނުރައްކާތެރި ގޭންގަކުން އިހުތިޖާޖެއްގެ ބައިވެރިންތަކެއް މަރާލައިފި!

ހެއިޓީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުރޫޕެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެއިޓީގައި ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ގުރޫޕަކުން އިހުތިޖާޖެއްގައި ބައިވެރިވި ހަތް މީހަކު މަރާލާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ހެއިޓީގައި ހަތް މީހަކު މަރާލާފައިވަނީ ބަރު ހަތިޔާރު އެޅި ނުރައްކާތެރި ކުށް ކުރާ ގުރޫޕަކުންނެވެ. އެ ގުރޫޕަކީ އެ ގައުމުގެ އިރު އުތުރުގެ ސަރަހައްދެއްގެ މައްޗަށް ބާރު ހިންގާ ބައެއްކަމަށްވެސް ބުނެފައިވެއެވެ. އެ ގުރޫޕުން މަރާލާފައިވަނީ ކްރިސްޓިއަން ޗާޗެއްގެ ލީޑަރެއްގެ އިރުޝާދާއިއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ބައިވެރިންނެވެ. އެގޮތުން މެޝިނު ބަޑީގެ ބޭނުންކޮށްގެން ހަމަލާތައް ދިންކަމަށް ބުނެފައިވެއެވެ.

ހެއިޓީގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއްގެ ލީޑަރު ބުނެފައިވާގޮތުން، މަރުވެފައިވާ މީހުންގެ އަދަދުތައް އިތުރުވެގެންދިއުން އެކަށީގެންވެއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުންނަށް އަނިޔާތައް ލިބިގެންދިޔައިރު، އެތައް ބަޔަކު ގަދަ ބާރުން އަތުލައިގަނެގެން ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގޭންގުތަކާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންދަނިކޮށެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން އެންމެ މަދުވެގެން ހަމަލާގެ ތެރެއިން 10 މީހަކު މަރުވެފައިވާނެއެވެ.

100 ވަރަކަށް މީހުން ރީނދޫ ކުލައިގެ އަންނައުނުގައި އިހުތިޖާޖުކުރަމުންދާ މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވިޑިއޯތަކުން ފެނިގެންދެއެވެ. ބައެއް އިހުތިޖާޖުގެ ބައިވެރިން ތިބީ ދަނޑި އަދި ކަތިވަޅި ފަދަ ތަކެތި ހިފައިގެންކަން ފެނިގެންދެއެވެ. މި ހާދިސާ ހިނގި ސަރަހައްދުކަމަށްވާ ހެއިޓީގެ ކޭނާން އޮންނަނީ ނުރައްކާތެރި ކުށްކުރާ ގުރޫޕެއްގެ ބާރުގެ ދަށުގައިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، 2021 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ރައީސްގެ މަގާމު އަދާކުރައްވަމުންދިޔަ ޖޮވެނެލް މޮއީސް މަރާލުމަށްފަހު، ގޭންގުތައް ވަނީ ބާރުވެރިވެފައެވެ. އަދި ހެއިޓީގެ ވެރިރަށުގައިވެސް 80 އިންސައްތަ ކަންކަމުގެ މައްޗަށް ބާރު ހިންގަނީ ގުރޫޕުތަކުންކަމަށް ބުނެފައިވެއެވެ. ހެއިޓީގެ އިންސާނީ ހައްގުތަކާއި ބެހޭ މުއައްސަސާއެއްގެ ޑިރެކްޓަރު ގިޑިއަން ޖީން ބުނެފައިވާގޮތުން، އޭނާއަށް އެ ހާދިސާ އޮންލައިންކޮށް ފެނިގެންދިޔައެވެ. އަދި ޖަސްޓިސް މިނިސްޓްރީ އިން އެ މައްސަލަ ތަހުގީގުކުރުމަށް އެދުމަށް ވިސްނާފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާވަނީ އިހުތިޖާޖުގައި އިސްކޮށް ހުރި މީހާއަށް ފާޑުކިޔާފައެވެ.

އެގޮތުން އެފަދަ ނުރައްކާތެރި ހާލަތެއްގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވައްޓާލިކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ބުނެފައިވާއިރު، ކަތިވަޅި ހިފައިގެން ތިބި ބަޔަކަށް ބަޑި ހިފައިން ތިބި ބަޔަކާ ކުރިމަތި ނުލެވޭނެކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: