ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ، ލާމު އަތޮޅުގެ އިގްތިސާދު ދިހަ ގުނަ ކުރައްވާނެކަމަށް ރައީސް ސާލިހާއިއެކު ކޯލިޝަން ހަދާފައިވާ، އެމްޑީއޭގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ލ ގަމަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ސިޔާމް ވިދާޅުވީ ފެށުނީއްސުރެ ރާއްޖޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ވިސްނުން ތޫނު ރައްޔިތުންތަކެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ، ތައުލީމު ދެކެ ލޯބިވާ، އުފާ ފާގަތިކަމުގައި ތިބުމަށް ގަދައަޅާ މަސައްކަތްކުރާ ބަޔަކު ދިއުޅޭ ގައުމެއްކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ، ނަމަވެސް ރައްޔިތުންގެ ޝަކުވާއަށް އެއްވެސް ވެރިއަކު ސަމާލުކަން ދީފައިނުވާކަމަށެވެ.
ރައީސް ސާލިހުގެ އަމާޒަކީ ގައުމުގެ އިގްތިސާދު އެތައް ގުނައަކުން އިތުރުކުރުންކަމަށާއި، އެކަން ކުރުމުގެ ގާބިލިކުން އެމްޑީޕީގެ ކޯލިޝަންގައި އެބަހުރިކަމަށް ސިޔާމް ވިދާޅުވިއެވެ. އިގްތިސާދީ ގޮތުން އިންގިލާބެއް ގެނައުމަށް ލ އަތޮޅުގެ އެއާޕޯޓް ތަރައްގީކުރުމަށް ރައީސް ސާލިހު ނިންމެވި ނިންމެވުމުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑަށް ދިރުން ލިބިގެންދާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
އެންމެ ބޮޑެތި ފްލައިޓު ޖެއްސޭނެ އެއާޕޯޓުގެ ގޮތުގައި މި ލާމު އަތޮޅު އެއާޕޯޓު ހެދިގެން ދިއުން. އޭރަށް ވާނެ ގޮތަކީ މިތަނަށް 1.5 މިލިއަން ޓުއަރިސްޓުން އަހަރެއްގެ މައްޗަށް މި ތަނަށް މި ލާމު އަތޮޅަށް އަންނާނެ.
ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ލާމު އަތޮޅުގެ އެއާޕޯޓު ތަރައްގީވުމާއިއެކު، ލާމު އަތޮޅަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ. އެހެންކަމުން ލާމު އަތޮޅުގެ އިގްތިސާދު 10 ގުނަ އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. ސިޔާމް ވަނީ ލާމު އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
މީގެ އިތުރުން ސިޔާމް އޭނާގެ ވާހަކައިގައި ދޭހަ ކުރެއްވި ގޮތުގައި ރައީސް ސާލިހަކީ މިހާތަނަށް ދުނިޔެ ދެކިފައިނުވާވަރުގެ، ގާބިލް ވެރިއެކެވެ. އެކަން ކޮވިޑް 19 ގެ ހާލަތުގައި ވަރަށް ސާފުކޮށް ފެނިގެންދިޔަކަމަށް ސިޔާމް ވިދާޅުވިއެވެ. ރައީސް ސާލިހު ވަނީ އެ ހާލަތުގައިވެސް ގައުމުގެ ކަންކަން މެނޭޖުކުރައްވާފައިކަމަށް ފާހަގަކޮށް ގާސިމް ވަނީ ލޯނު ނަގައިގެން ރައީސް ސާލިހު ގައުމު މެނޭޖުކުރެއްވީތީ، ގައުމު ދަރަނިވެރިވެއްޖެކަމަށް ބުނެ އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ.
ސިޔާމް ވިދާޅުވީ ލޯނު ދަރަންޏަކަށްވާނީ، އެ ދައްކަން ޖެހޭ މުއްދަތުގައި ފައިސާ ނުދެކެވުމުންކަމަށެވެ. މިއީ ސިޔާސީ ބޭފުޅުން ދަސްކުރަންޖެހޭ އެއްޗެއްކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ، އަދި ރައީސް ސާލިހު ނެންގެވި ލޯނު ދައްކަންޖެހޭ މުއްދަތު ނާންނަކަމަށެވެ. އެހެންކަމުން ގައުމު ދަރަނިވެރިވެފައިވާކަމަށް ނުބުނެވޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރުން ސިޔާމް ފާހަގަކުރެއްވީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ތަކްލީފު ނުޖައްސާ ގައުމު ހިންގެވުމަށް ރައީސް ސާލިހު އެޅުއްވި ފިޔަވަޅުތަކެވެ.

