ފުރަތަމަ ފަހަރަށް މާބައިދޫގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސި އިންތިހާބަށް ކުރައްވާ ދަތުރުފުޅުގައި ލ. މާބައިދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނަވައި އިސްލާހީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރުވެސް ކުޑަ ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށެވެ. ނަމަވެސް އެ ހިޔާލު ތަފާތުވުން ބަދަލުކޮށްލީ އެރަށަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއަށް ބަލައިފައިކަމަށް ރައީސް ވިދާޅުވިއެވެ.
އެރަށުގެ މެޖޯރިޓީ ވޯޓު ފުރަތަމަށް ފަހަރަށް އެމްޑީޕީއިން ކާމިޔާބު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާބައިދޫގެ މެޖޯރިޓީ ރައީސް އަށް ކަށަވަރުވެފައިވަނީ ބަރާބަރަށް ވައުދުތަށް ފުއްދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލުމައްޓަކައި އެންމެ ވޯޓެއްވެސް އެއީ މުހިންމު އެއްޗެއްކަމުގައި ރައީސް ވިދާޅުވިއެ.
މާބައިދޫއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށާއި ކުރީގެ ސަރުކާރުން ނަންބޯޑު ބަދަލުކުރި ގޮތަށް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ މަގުތަކުގައި ތާރު އެޅައިދެއްވާނެ ކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތް ތަކާއި މަލްޓީޕާޕަސް ހޯލްއަޅައިދެއްވާނެ ކަމަށާއި، ރަށުގެ ގިރާސަރަހައްދު ހިމާޔަތް ކުރުމާއި، މޫދަށް އެރޭ ސަރަހައްދަކާއި އަދި އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލ އަތޮޅަކީ ފަތުރުވެރިކަމަސް އެންމެ ފައްކާވެފައި އޮތް ރަށެއްކަމަށެވެ. އެހެންކަމުން އެރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

