އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙިމް މުހައްމަދު މަގާމުގެ ބޭނުންކުރައްވައިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުގެ ރިޔާސީ ކެމްޕެއިނަށް ހުރަސްއެޅުއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން މައުލޫމާތުތައް ހިއްސާކުރުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށާއި އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން އަތް ބާނައިގެން މަސައްކަތްކުރަމުންދާކަމަށާއި އެ އަމަލު ކުށްވެރިކުރައްވާކަމަށެވެ.
ތޮލާލް ވިދާޅުވީ، ނުފޫޒުގެ ބޭނުންކޮށްގެން ސަރުކާރުން ކުރުމަށް މަސައްކަތްކުރަމުންދާ ކަންކަން ފަހިނުކޮށްދިނުމަކީ ޕީޕީއެމް/ޕީއެންސީގެ އެދުމެއްކަމަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަންކަމާއިމެދު ހަނުހުންނަމުންދާތީ އާއި ހުށައެޅޭ ބައެއް މައްސަލަތަކަށް ޖަވާބެއް ނުދޭކަމަށްވުމުން ކަންބޮޑުވުންތައް ހުރިކަން މީޑިއާތަކާއި ހިއްސާކޮށް ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކީ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކަށް މަގުފަހިކުރުމާއި އިންތިހާބުތައް އިންސާފުވެރިކަމާއިއެކު ބިރުވެރިކަމެއް ބިރުދެއްކުމެއް ތަޅާފޮޅުމެއް ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއިއެކު ރައްޔިތުންގެ ވޯޓު ލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށް ކަންކަން އިންތިޒާމުކުރުންކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެ މުއައްސަސާގެ ހަމައެކަނި ޒިންމާއަކީ އިދާރީ މަސައްކަތްތައް ނޫންކަން ސާފުވާކަމަށާއި އެންމެހާ އިންތިހާބީ ކަންކަމަކީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ ކަންކަން ކަން ސާފުވާކަމަށެވެ.
ތޮލާލް ވިދާޅުވީ، އެ ވާހަކަތައް ސާފުކޮށް ބަޔާންކޮށްފައިވާނަމަވެސް، ކޮމިޝަނުން ބަސް ބުނަން ޖެހޭ ތަންތަނުގައި ނުބުނާކަމަށާއި ގާނޫނީ ޒިންމާ އަދާނުކުރާކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން އަންގާ ގޮތަކަށް އަމަލުކުރަމުންދާކަމަށް ތުހުމަތުކުރެވޭކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުގެ ހުއްދަ ނަގައިގެން ނަމަވެސް ވަކި ސަރަހައްދުތަކެއްގައި ހަރުކުރެވޭނީ އެމްއެންޑީއެފްގެ ހުއްދަ ނަގައިގެންކަމަށް ސިޓީ ކައުންސިލުން އަންގާފައިވާކަމަށާއި އެގޮތުން ގްރީން ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުގައި އެމްއެންޑީއެފްގެ ހުއްދަ ނަގަންޖެހޭކަމަށްވުމުން ދަމާފައިވާ ދިދިތައް ނަގާލުމަށް ބުނެފައިވާކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން މާލޭގައި ދަމާ ބެނާއެއް ނުވަތަ ދިދަ ފައްޗާއި ހަރުކުރާ ޕޯސްޓަރުތަކަށް އެމްއެންޑީއެފްގެ ހުއްދައެއް ނަގަން ނުޖެހޭކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ސާލިހަށް އިންތިހާބު ކާމިޔާބު ނުވާނެކަން ސާފުވުމުން އެމަނިކުފާނުގެ މާގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ސަރުކާރުގެ އެކި މުއައްސަސާތައް މެދުވެރިިކޮށް އިދިކޮޅުގެ ކެންޑިޑޭޓު މުއިއްޒުއަށް ހުރަސްތަކެއް އަޅަމުންދާކަން ފެނިގެންދާކަމަށެވެ.

