މާޅެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގުޅުވާލި ތާރީހީ ބްރިޖު ހުޅުވިތާ މިއަދަށް ފަސް އަހަރުވީއިރު ރައްޔިތުން މިއަދު ދެކޭ ބޮޑެތި ތަރައްގީއަކީ އެއީކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ހުޅުމާލެ ގުޅުވާލި ބްރިޖު ހުޅުވިތާ މިއަދަށް ފަސް އަހަރުވީއިރު، މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް އައުމަށް ވީ ރިޔާސީ ވައުދެކެވެ. އޭރު ރިޔާސީ ކެމްޕެއިނުގެ ތެރެއިން ދައުލަތުގެ މީޑިއާގެ ކެންޑިޑޭޓުންގެ ޕްރޮގްރާމް ”ސިޔާސަތު“ ގައި ރައީސް ޔާމީނާއި ޕްރެޒެންޓަރު ވަނީ ބްރިޖު ހުޅުވާނީ ކިހާ ދުވަހެއްގެ ތެރޭގައި ތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މާތްﷲ ގެ އިރާދަފުޅާއި އެކު މަސައްކަތް ނިންމަވައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.
މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ފެށި އެ މަޝްރޫއު 2017 ވަނަ އަހަރާ ހަމައަށް ދިޔައިރު 35 ތަނބުގެ ތެރެއިން 22 ތަނބަށް ކޮންކްރީޓު އަޅާ ވަނީ ނިމިފަ އެވެ. އެއަށް ފަހު އަހަރު މެދާއި ހަމައަށް ދިޔައިރު ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕެއިން އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، ބްރިޖު ގުޅުވާލައި 2018 ގެ ޖުލައި މަހުގެ ތެރޭގައި ވެސް ނޫސްވެރިންނަށް މަސައްކަތް ކުރިޔަށް ދާގޮތް ދައްކާލި އެވެ. އޭރު ވެސް މުއިއްޒު ފާހަގަކުރީ، ބްރިޖުގެ މަސައްކަތް ދަނީ ޝެޑިއުލް ކުރެވުނު މިންވަރަށް ވެސް ބާރު ސްޕީޑެއްގައިކަަމަށާއި، ބްރިޖު ވެގެން ދާނީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށެވެ.
އޭގެ ފަހުން މިވީ ފަަސް އަހަރުގެ ތެރޭގައި ބްރިޖު ފާހަގަކުރެވުނީ ރާއްޖޭގެ ތަރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަށެވެ. އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ބުނަމުން ދިޔައީ ދައުރު ނިމޭއިރު ވެސް ބްރިޖުގެ މަސައްކަތް ނިންމާ ނުލެވޭނެކަމަށާއި، ޝެޑިއުލްއަށް މަސައްކަތް ކުރިޔަށް ވެސް ނުދާކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި ރިޔާސީ ކެމްޕެއިންގެ ބ. އޭދަފުށި ޖަލްސާގައި މުއިއްޒު ވިދާޅުވީ 2018، އޮގަސްޓު 30 ގެ ރޭގަނޑު 22:00 ހާއިރު އެއީ ވަރަށް ވެސް ތާރީހީ ދުވަހެއް ކަމަށެވެ. ބަޔަކު އެ ބްރިޖު އަޅާނީ ކިހިނެއްތޯ އާއި، މާސިނގާ ކަނޑެއްގައި އެކަން ނުކުރެވޭނެކަމަށް ބުނެ އެތައް ފާޑުކިއުމެއް އަމާޒު ކުރަނިކޮށް ފަސް އަހަރުގެ ތެރޭގައި ބްރިޖު ހިމެނޭހެން ކިންގް ސަލްމާން މިސްކިތާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ހުޅުމާލޭގެ ފޭސް ދޭއް ހިއްކައި، މާލެ ވަށައި ތާރު ވެސް އެޅިކަމަށެވެ.
ބްރިޖު ހުޅުވި ރޭގެ ހަނދާންތައް އާކުރައްވައި މުއިއްޒު ވިދާޅުވީ މިރޭ ހަނދާނަށް އަންނަނީ އެ އުފާވެރި ވަގުތުކޮޅު ކަމަށެވެ. އަދި އެރޭ ކުރިޔަށް ގެންދިޔަ ކުލަ ގަދަ ހަވާގެ ކުޅިވަރުތަކާއި އާންމުންގެ މޫނުމަތިން ފެނުނު އުފާވެރިކަން ކަމަށެވެ.
ދުވަހަކު ވެސް ނޭޅޭނެކަމަށް ބުނި ބްރިޖު އަޅައި، ހުޅުވި ތާރީހު. އެ ދުވަހަށް މިވީ ފަސް އަހަރު. ހަނދާނަށް އަންނަނީ އެ އުފާވެރި ވަގުތު ހަވާގެ ކުލަގަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔަ. އެވަގުތުކޮޅު މި ދައްކުވައިދެނީ، ކޮންކަމެއްތޯ. ވިޝަނަރީ ލީޑަރެއްގެ ހަރުދަނާ ސިޔާސަތު
މުއިއްޒު ވިދާޅުވީ އެއީ ދުރު ވިސްނޭ ލީޑަރެއްގެ ހަރުދަނާ ސިޔާސަތު ކަމަށެވެ. ކުދި ކުދި ޕްރޮޖެކްޓުތަކުގެ ތެރެއިން އެތައް ބޮޑު މަޝްރޫއުއެއް ކުރިޔަށް ގެންދިޔައިރު ރައްޔިތުން އަސްލު ގަބޫލު ކުރާ ތަރައްގީއަކީ އެއީކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ މުއިއްޒު ވިދާޅުވި ގޮތުގައި ގައުމެއްގެ ހައްގުގައި މުޅިން އާ އުސްމިންތަކެއްގެ ވިސްުން ގެންގުޅުއްވި ވެރިއެކެވެ. އަދި އެމަނިކުފާނަކީ ދިވެހިން އުންމީދު ކުރިވަރަށް ވުރެ މާ ޖޯޝުގައި ތަރައްގީ ބާރު ދުވެލީގައި ގެނެސްދެއްވި ވެރިއެއް ކަމަށް ވިދާޅުވި އެވެ. އެކަމުން ވެސް އެނގެނީ ގައުމަށް ރައީސް ޔާމިން ބޭނުންވެފައިވާ މިންވަރުކަމަށާއި، އެމަނިކުފާނުގެ ހިދުމަތް ގައުމަށް ބޭނުންވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގައުމެއްގެ ހައްގުގައި ގައުމެއްގެ ހަޔާތުގައި އާ އުސްމިންތަކަކަށް، ދުވަހަކު ވެސް ނުދެވޭނެ މިންވަރަށް ދިޔަ ވެރިއެއް، ޖޯޝާފޯރީގައި. އެއީ މި ގައުމަށް ބޭނުންވާ ލީޑާޝިޕަކީ. ރައީސް ޔާމީން މި ގައުމަށް ބޭނުންވެފައިވާ މިންވަރު އެނގޭ
މިރޭގެ ޖަލްސާގައި ވެސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ ތެރެއިން މިނިވަންވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ލަފައާއި އެކު މަސައްކަތް ކުރެވޭނެ ދުވަސް އަންނާނެކަމަށް ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖަށް ފަސް އަހަރު ފުރުނު އިރު، މި ސަރުކާރުން ވެރިކަމަށް އައުމަށް ވައުދުވީ މާލެ، ވިލިމާޅެ ތިލަފުށި، ގުޅީފަޅު ގުޅުވާލުމަށެވެ. އެކަމަކު މިވީ ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ލޯނާއި، މަސައްކަތް އަވަސް ކުރުމަށް ލޯނު ނެގި ނަމަވެސް މަޝްރޫއު ކުރިޔަށް ނުދެ އެވެ.
މި އަހަރުގެ ޖޫން މަހަކީ ބްރިޖު ވިލމާލެ އާއި ގުޅުވާލާޏެކަމަށް ބުނި ތާރީހެވެ. ”ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު“ ނުވަތަ ”ތިލަ މާލެ“ ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ދާއިރު އެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރައި އެކި ގެއްލުންތައް ވެސް ލިބުނެވެ.

