ލ ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމްކޮށްދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ލ ގަމަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ވަރަށް މުހިންމުކަމަށެވެ. މިއީ އޭނާގެ ވެރިކަމެއްގައި ވަރަށް ބޮޑު އިސްކަމެއްދެއްވާނެކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.

މިއީ މިއަހަަރުގެ ރިޔާސީ އިންތިހާބަށް އޭނާ ހުށައެޅުއްވި މެނިފެސްޓޯގައިވެސް ހިމެނޭ ކަންކަންކަމަށާއި، ނަމަވެސް ވަކި ރަށެއް މީގެ ކުރިން އިއުލާންކޮށްފައިނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއް. އެހެންވީމާ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނީ އިރާދަކުރެއްވިއްޔާ ގަމުގައި ކަން އިއުލާން ކުރަން.
މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ގަމުގައި ހުރި ޓާޝަރީ ހޮސްޕިޓަލްއިން ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށާއި، އަދި އެއީ ތަފާތު ހިދުމަތްތަކެއް ދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހައްދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ލ އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަމަށާއި، ނަމަވެސް އަދި މި އެއާޕޯޓް އަޅާނީ ސީދާ ވަކި ކޮން ރަށެއްގައިކަން ކަނޑައަޅާފައިނުވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

