މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހައުސިން ސްކީމްގެ ދަށުން ފޭސް 2 ގައި އިމާރާތްކޮށްފައިވާ ”ޕޯޓް ރެސިޑަންސް“ ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އެމް.ޕީ.އެލްގެ ބޯޑުން ނިންމައިފިއެވެ.
މަހު ކުލި ދެއްކުމަށް އެމްޕީއެލް ގެ ބޯޑުން ގެނައި ބަދަލާއެކު ފަހު ފުލެޓުތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓު 25 އަހަރަށް ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ކުރިން ފައިސާ ދައްކަންޖެހޭ މުއްދަތަކީ 20 އަހަރަށް ބަހައިލައިގެންނެވެ.
މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ ”އޮޕްޝަން 1“ ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ) ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38ރ. އެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94ރ. އެވެ.
20 އަހަރުގައި މަހު ކުއްޔަށް ދައްކަންޖެހޭނީ 4،016.54ރ. (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4204.37ރ. އެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، (ޓައިޕް އޭ) 4،585.16ރ. އަދި (ޓައިޕް ބީ) 4،746.0ރ. ދައްކަންޖެހެ އެވެ.
އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2، 3، އަދި 4 ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒުފުންނަށްވެސް މި އުޞޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތުލިބިގެންދާނެއެވެ.
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމް.ޕީ.އެލް އިން ދަނީ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނަށް ހަވާލުކުރަމުންނެވެ. މުވައްޒަފުންނަށް އެޕާޓްމަންޓްގެ ތަޅުދަނޑި ހަވާލުލުރަން ފެށީ އެޕާޓްމަންޓްގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.
އެމް.ޕީ.އެލް އިން ނިންމާފައިވަނީ މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން، މި އަހަރުގެ ނިޔަަަލަށް ފްލެޓްތަކަށް ކުލި ނުނެގުމަށެވެ. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ފެށި ބޯ ހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައިވަނީ 15 ފަންގިފިލާގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 2+1 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

