އޭނާގެ ވެރިކަމއްގައި އއ މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅާ، ބިން ހިއްކުމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ މަތިވެރިން މުއިއްޒަށް ކީ ހޫނު މަރުހަބާއަށްފަހު، ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި އެހެން ސަރުކާރަކުން ފަށާފައިވާ މަޝްރޫއުއެއް ހުއްޓާނުލައްވާނެކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެއަށްފަހު މި ރަށަށް، އެމަނިކުފަނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ އިގްތިސާދީ ފައިދާ ލިބޭނެ ގޮތަށް، މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައިދެއްވާކަމަށެވެ. އަދި ރަށުގެ ބިން ހިއްކާދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ވެރިކަމަކީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ވެރިކަމަކަމަށްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ދެއްވިއެވެ.
މީގެ އިތުރުން ޑރ މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. ކޮންމެ ޖަލްސާއެއްގައި ގައުމުގެ މިނިވަންކަން ގެއްލިގެން ދާ ވާހަކަ ފާހަގަކުރައްވަނީ، ވޯޓުލާ ދުވަސް ކައިރިވަމުން އަންނާތީ ރައްޔިތުންގެ ހަދާނުގައި އެކަން ހަރުލެއްވުމަށްޓަކައިކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި މަތިވެރިން އަލަށް 5 މީހަކު ޕީޕީއެމްއާއި ގުޅުނެވެ.

