ރާއްޖޭގެ ދެކުނާއި، ހދ. ހަނިމާދޫއަށް އަންނަ ފްލައިޓުތަކަށް ބަސް ބުނެ ސުވާލުކޮށް، ވާހަކަ ދައްކަނީ އިންޑިއާގެ ސިފައިންކަމަށާއި ދިވެހި ފަސް ގަނޑުގައި ދިވެހި ސިފައިން ތިބީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއި އެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުންތަކުގެ ދަށުން ހަތިޔާރާއި އެކު ސިފައިންނަށް ތިބުމުގެ ޖާގަ ދެވިފައިވާކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައާއި ދެކޮޅު ބޮޑު ކެމްޕެއިނެއް ފެށުމުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަރަކާތްތައް ވަނީ ހުއްޓުވާފަ އެވެ.
ގދ. ތިނަދޫގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ ދެވެހި ގައުމު ދެމި އޮންނަން ބޭނުން ވަނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަމާއި ގައުމެއް ފެށޭ ހިސާބަކީ އަނެއްކާގެ ހައްގު ކަށަވަރު ކުރެވިފައި އޮތުންކަން ފާހަގަކޮށް އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބާރަށް ބޭނުން ކުރާ ޑިމޮކްރަސީގެ ހަގީގީ މާނައަކީ ވެސް އެއީ ކަމަށެވެ.
ހޮނިހިރު ދުވަހު އޮތް އިންތިހާބުގައި ދިވެހި ރައްޔިތުން ލާ ވޯޓު ވާން ޖެހޭނީ މިނިވަންކަމުގެ ހައްގުގައި ކުރާ މަސައްކަތަކަށް ހެދުމަށް ގޮވާލައި އަލީ ހުސެއިން ވިދާޅުވީ ގައުމުގެ ހައްގުގައި މަސައްކަތް ކުރަން ޖެހެނީ ތިމާއަށް އަމިއްލަ މަންފާއެއް ވާނެތޯ ވިސްނާފައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވިސްނަންވީ ޖެހިގެން ހުރި ރައްޔިތު މީހާއާއި އެ މީހާ ވަށައިގެން ވާ ރަށާއި މުޅި ރާއްޖޭގެ މުސްތަގުބަލާއި މެދު ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބަލާލުމުން ވެސް ފެންނަނީ އަޅުވެތިވުމުގެ މަގުމަތީގައި ތިބި މަންޒަރުކަމަށާއި، ދިވެހިންގެ އެއާޕޯޓު ހދ. ހަނިމާދޫ އެއާޕޯޓާއި އެ ރަށުގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުން އެއީ މައްސަލައެއް ކަމަށެވެ. ދިވެހިންނަށް ހަނިމާދޫ އެއާޕޯޓުގައި ޖައްސާ ފްލައިޓުތަކަށް ބަސް ބުނުމުގެ ޖާގަ ގެއްލިފައިވާކަމަށާއި އެ އެއާޕޯޓަށް ފްލައިޓުތައް ޖެއްސުމަށް ހުއްދަ ދެމުން ދަނީ އެހެން ގައުމެއްގެ ސިފައިންކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ވައިގެ ސްޕޭސް ބޭނުން ކުރުމުގައި ބަސް ބުނަމުން ދަނީ އިންޑިއާއިން ކަމަށެވެ. އަދި އެހެން ބައެއް ގައުމުތަކުގެ ބޯޓުތައް އައިސް ޖެއްސުމުން އިމިގްރޭޝަން ނުވަތަ ކަސްޓަމްސް އޮފިސަރުންނާއި ސިފައިން ސުވާލު ކުރުމުގެ ބަދަލުގައި އެ މީހުންނާ ސުވާލު ކުރަނީ އިންޑިއާގެ ބައެއް ކަމަށެވެ. އަދި ދިވެހި ސިފައިން ތިބެން ޖެހެނީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި، ބަސް ބުނަން ނުކުރޭ ހާލަތުގައި ކަމަށެވެ.
ހަނިމާދޫއަށް އަންނަނީ ކޮންބައެއްކަމެއް… ފުރައިގެން ދަނީ ކޮންބައެއްކަމެއް ހަގީގަތުގައި ނޭނގޭ.. އިންޑިއާ މީހުން އެތަނުގައި ނުފޫޒު ފޯރުވައިގެން ތިބީ.. ދިވެހިރާއްޖެގެ ދެކުނުގެ އެއާޕޯޓުގައި ބޯޓު ޖެއްސީމާ އެތަނުން ސުވާލު ކުރަނީ އިންޑިއާ މީހުން.. ދިވެހި ސިފައިންނެއް ނޫން.. ދާދި މިދާކަށް ދުވަހު އޮސްޓްރޭލިއާގެ ބޯޓެއް އެތަނަށް ޖެއްސީމާ އެ މީހުންނާ ސުވާލު ކުރުމަށް ދިޔައީ ދިވެހި އިމިގްރޭޝަން އޮފިސަރުންނެއް ނޫން… ދިވެހި ކަސްޓަމްސްގެ އޮފިސަރުންނެއް ނޫން.. ދިވެހި ސިފައިންނެއް ނޫން.. އިންޑިއާ މީހުން ގޮސް ސުވާލު ކުރަނީ.. އެތަނުގައި ތިބި ދިވެހިންނަށް ނުކުރެވޭ ޗުއްޕުއޭ ވެސް ބުނާކަށް
އަލީ ހުސެއިން ވިދާޅުވީ ގަބޫލު ކުރަން ދަތިވި ނަމަވެސް، މިއީ މިއަދުގެ ހަގީގަތް ކަމަށެވެ. އަދި މިއަދު އަނެއްކާވެސް ދިވެހިން ސުވާލު ކުރަންވީ ހަމަ ހަގީގަތުގައި ވެސް މިތިބެވެނީ މިނިވަން ގައުމެއްގެ ތެރޭގައި ތޯ ބެލުމަށްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށް ވާހަކަތައް ދެކެވޭއިރު، ރައީސް ސޯލިހު ވަނީ ދާދިފަހުން ”ސަންގު ބަހުސް“ ގައި އެ ތުހުމަތުތަކަސް ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެއްވެސް އިރެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ހަތިޔާރާއި އެކު ގާއިމުވެ ނެތް ކަމަށެވެ. އަދި އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ވެސް ދޮގު ކުރެއްވި އެވެ.

