ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއިމެދު ގޮތް ނިންމިފައިނުވާކަމަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިހާއިއެކު އިންތިހާބުގައި މަސައްކަތްކުރާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްގެ ކެމްޕެއިން ޓީމުންވަނީ ގިނަ އަދަދެއްގެ ރަށްތަކަށް ދަތުކޮށް ރައްްޔިތުންނާއި ބައްދަލުކޮށްފައިކަމަށެވެ. އަދި ތިންވަނަ އަށް ގޮސްފި ހާލަތެއްގައި އަމަލުކުރާނެ ގޮތާއިމެދު ސުވާލު ކުރެވުނު ކަމަށާއި އެހެންކަމުން އޭނާވެސް އަނބުރާ މެމްބަރުންނާއި ތާއީދުކުރައްވާ ފަރާތްތަކުގެ ކިބައިން އެއްސެވިކަމަށް އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަދަންވީ ގޮތާއިމެދު ސުވާލު ކުރެއްވީ ޑިމޮކްރެޓްސްއަށް ތާއީދުކުރައްވާ މީހުންގެ ބޭނުންވާ ގޮތް ސާފުވެފައި އޮތުން އޭނާއަށް މުހިންމުވުމުންކަމަށެވެ. އިލްޔާސް ވިދާޅުވީ، ސަޕޯޓަރުންވަނީ އޭނާ އެ ސުވާލު ކުރެއްވުމުން ޖަވާބެއް ދެއްވާފައިކަމަށާއި އެ ޖަވާބު އޭނާއަށް ސާފުކަމަށްވެސް ފާހަގަކުރެއްވިއެވެ.
އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ މަގު ނިންމާނީ އޭނާ އެކަނި ނޫންކަމަށާއި ޕާޓީގެ ކައުންސިލު އަދި އާންމު މެމްބަރުންނާއި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި މިހާރުވެސް މަޝްވަރާތައް ކުރެވިފައިވާކަމަށާއި އެހެންކަމުން އަވަސް ގޮތަކަށް އެ މައުލޫމާތު ހާމަކުރައްވާނެކަމަށް ވިދާޅުވިއެވެ.

