ރާއްޖޭގެ ސިއްހީ ހިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތައް އެބަ ހުއްޓެވެ. އަދި ވިސްނުންތެރިކަމުގައިވެސް ބޮޑެތި މައްސަލަތައް އެބަ ހުއްޓެވެ.
އެންސްޕާ ނުވަތަ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ގެ ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމަކީ އެފަދަ އެއް މައްސަލައެވެ. މި ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ސިއްހީ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެހެންކަމުން ހަރަދެއް ކޮށްގެން މަލަން އަޅާ މުއައްސަސާއެއް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހޮސްޕިޓަލާއި ހިސާބުން ކޮންމެ ހިދުމަތެއްވެސް ލިބެން އޮންނަ ގޮތަށް ކަންކަން ނެތީ ކީއްވެބާއޭ ހިތަށް އަަރައެވެ. އަދިވެސް ބަޔަކަށް ސިޓީލައި އާދޭސްކުރަން މިޖެހެނީ ކީއްވެގެންތޯއެވެ.
އެހެންކަމުން މިތަނުން ދޭ ހިދުމަތްތައް ބަލާލުން ވަރަށްވެސް މުހިންމެވެ. ޓެކްސް ފައިސާ ދައްކާ ދިވެހި ރައްޔިތަކުގެ މާލީ ކެރި ފޯރުންތެރިކަން ނެތް ނަމަ ޖެހެނީ އެންސްޕާއަށް ސިޓީ ލާށެވެ. އާސަންދައިން ނުލިބޭ ބޭސް އަދި އިންޖެކްޝަން ހޯދައިދިނުމަށްވެސް އެދެން ޖެހެނީ އެތަނުގައެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަށް ކަނޑައެޅިގެން ބޭނުންވާ ހިދުމަތެއްކަން ސިއްހީ ނިޒާމުގެ ލިޔެކިއުންތަކުން ފެންނަން އޮތް އިރު، އެ ހިދުމަތްތައް އާދައިގެ މަތިން ލިބޭނެ އިންތިޒާމެއް ނެތްކަމަކީ ދެރަ މައްސަލައެކެވެ.
އެކްސިޖެން މެޝިނާއި އެހެނިހެން ނޭވާލުމަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހޯދަން ބޭނުންވާ ރައްޔިތުންވެސް ޖެހެނީ ހޮސްޕިޓަލުން ވާން ނެތުމުގެ ސަބަބުން އެންސްޕާއަށް ސިޓީލާށެވެ. އެންސްޕާގެ ސައިޓުގައި ބުނެފައިވާގޮތުން ތެލެސީމީއާ ކުދިންގެ ބޯން މެރޯ ހެދުމަށް ބޭނުންވާ ނަމަވެސް އެންސްޕާއަށް ސިޓީ ލާންވީއެވެ. އަދި ސަރުކާރު ހޮސްޕިޓަލުން ނުލިބޭ ބައެއް ފަރުވާވެސް ތިބޭކަމަަށް ވުމުން އަމިއްލަ ހޮސްޕިޓަލް ތަކުން ފަރުވާ ހޯދަންޖެހޭ މީހުންނަށްވެސް އެންސްޕާއަށް ސިޓީ ހުށައެޅޭނެއެވެ.
ބޮޑު އޮޕަރޭޝަނެއްގައި ބޭނުންކުރަންޖެހޭ ބައެއް ތަކެތި އާސަންދަ މެދުވެރިކޮށް ނުލިބޭކަމަށްވެސް އެންސްޕާގެ ސައިޓުގައިވެއެވެ. އެހެންކަމުން އެ ތަކެތި ހޯދުމަށް އެހީތެރިވެދޭކަމަށް ބުނެފައިވެއެވެ. އެންސްޕާއިން ބުނެފައިވާގޮތުން މަސްނޫއީ ފައި ޖެހުމުގައި ދިމާވާ ދަތިތަކުގައިވެސް އެތަނުން އެހީ ފޯރުކޮށްދެއެވެ. މި ލިސްޓު ފެނުމުން ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން އަދި އެކަންކަން މަލަން އަޅައިގެން ހައްލުކުރަމުންދާކަމަށް ފެނިގެންދެއެވެ. ސީދާ ހިދުމަތެއް ލިބި ވަގުތުތަކާއި ފުރާނަތަކެއް ސަލާމަތްވެގެންދިއުމުގެ ބަދަލުގައި ހިދުމަތްތައް ލިބުމުގައި ލަސްތަކާއި އެތައް ދަތިތަކެއް ހުރިކަމަަށް ވެއެވެ.
އެއަށްފަހު ދެން އޮތީ އެހީއަށް އެދޭނެ ގޮތެވެ. ބުނެފައިވާޣޮތުން އެހީއަށް އެދޭ މީހުން އެދެންވާނީ ” ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު ” މެދުވެރިކޮށެވެ. މިއީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް އިންތިހާއަށް ދަތިކަން ހުރިކަން ސަރުކާރަށްވެސް އެނގޭ ކަމުގެ ހެއްކެކެވެ. އާދޭސްކުރަންޖެހޭ ކަމުގެ ހެއްކެކެވެ. އަދިވެސް އެކަން ނިމުމަކަށް ނާންނަކަމުގެ ހެއްކެކެވެ. މިއީ ހަމަހަމަކަން ގާއިމުވެ އެއްވެސް މީހެއްގެ ސިއްހަތު އަނެކާގެ މުށުތެރޭގައި ނެތްކަމުގެ އަދި ކޮންމެ މީހަކަށްވެސް ފުރިހަމަ ހަމަހަމަ ހިދުމަތެއް ލިބިދާނެކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދާކަމެކެވެ.

