ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ކުރެވޭނީ ތަރައްގީގެ ރަނގަޅު ޕްލޭނެއް އޮތް، ތަޖުރިބާ ހުރި ބަޔަކަށް: ނާޒިމް

ދިވެހީންގެ ރާއްޖެ ރިޔާސީ ކެންޑީޑޭޓް ޑރ މުއިއްޒު ހުޅުމާލެ ރާއްޔިތުންނާއި ބައްދަލު ކުރެއްވުން — ވަގުތު އިމޭޖަސް: އިބްރާހިމް ރައްޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ތަރައްގީ ކުރެވޭނީ ރަނގަޅު ސިޔާސަތުތަކެއް ހުރި، އަދި މެނިފެސްޓޯ ތަންފީޒުކޮށް ތަރައްގީ ގެނައުމުގެ ގާބިލުކަމާއި އެކަމުގެ ތަޖުރިބާ ހުރި ބަޔަކަށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހު، ނާޒިމް ނިންމެވީ ދެވަނަ ބުރުގައި ވާދަ ކުރައްވާ އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށެވެ. މާޒީ އެއްފަރާތްކޮށް ޕީޕީއެމާއި އެކު ދެވަނަ ފަހަރަށް މަސައްކަތް ކުރުމަށް ނިންމި ސަބަބެއްކަމަށް ނާޒިމް ވިދާޅުވީ ގައުމުގެ މުސްތަގުބަލު މުހިންމުވުމެވެ. އަދި މީގެ އަހަރުތަކެއް ކުރިން ހިނގި ކަމެއްގެ ވާހަކަ ދައްކައި، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ވުރެ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު މާ މުހިންމުކަމަށް ނާޒިމް ވިދާޅުވި އެވެ.

އެއްލަކަށްއަށް ވުރެ ގިނަ ވޯޓާއި އެކު އިންތިހާބުގެ 46 އިންސައްތަ ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު އަތޮޅު ތެރޭގެ ކެމްޕެއިން ހަރަކާތްތައް ފެއްޓެވިއިރު އިއްޔެ އެކަނި ވެސް އއ. އދ ގެ 11 ރަށަކަށް ވަޑައިގަތެވެ. އަދި ކެމްޕެއިން ހަރަކާތުގައި ޕާޓީގެ ލީޑާޝިޕާއި އެކު އެމްއެންޕީ ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ރޭ އދ. މަހިބަދޫގައި އޮތް ބޮޑު ނާޒިމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭ ރައްޔިތުން އެތައް ގޮތަކުން އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައިކަމަށެވެ. އުންމީދު ކުރި މިންވަރާއި ގާތަށް، ކުރިއެރުމާއި ތަރައްގީ ގައުމަށް ލިބިފައިނުވާއިރު ކަންބޮޑުވާން ޖެހޭ އެތައްކަމެއް މުޖްތަމައުގެ ތެރޭގައި ހިނގަމުންދާކަމަށް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ޒަމާނާއި އެއްގޮތަށް ރަށްތަކާއި، ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް ފެއިލްވީ ވެރިކަން ކުރަން ނޭނގުމުގެ ސަބަބުންކަމަށް ނާޒިމް ވިދާޅުވި އެވެ. ތަރައްގީގެ ވާހަކަތައް ދައްކާއިރު ޕީޕީއެމްގެ ކުރީގެ ވެރިކަމުގެ ފަސް އަހަރަކީ ނާޒިމް ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް އިންގިލާބީ އެތައް ބަދަލެއް ގެނުވި ފަސް އަހަރެވެ.

މި ފަސް އަހަރު ވެގެން މިދިޔައީ އަޅުގަނޑުމެންނަށް މާޔޫސްކަން ގެނުވި ފަސް އަހަރު ދުވަހަށް..

ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުން ނިކަމެތިވެ، ހާލުގައި ޖެހޭ ސަބަބުތަކުގެ ތެރޭގައި އިގްތިސާދު ކުރިނާރާ އޮތުން ހިމެނެ އެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތް އިރު، ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ކުރިޔަށް ނުގޮސް ވެރިކަމެއް ނިމިގެން ދިއުމަކީ އެއީ އިހުމާލުތައްކަމަށް ނާޒިމް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް މަސްވެރިންނަށް އެތައް ވައުދެއްވެ، ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ބުނިއިރު ބަދަލުގައި މަސްވެރިން އިތުރަށް ކުރީ ނިކަމެތިކަމަށް ނާޒިމް ވިދާޅުވި އެވެ. މިއަދު މަސްވެރިން މަހަށް ނިކުންނަން ޖެހެނީ ބޮޑު ހަރަދުތައްކޮށް، އައިސް ނުލިބި މަސް ކިރާނެ ގޮތެއް ނެތިކަމަށާއި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތެއް އެބައޮތްތޯ ނާޒިމް ސުވާލު އުފެއްދި އެވެ.

ރޭގެ ޖަލްސާގައި ނާޒިމް ގޮވާލީ ރައްޔިތުން، ބޭނުންވާ ގޮތް ނިންމައި ތަރައްގީގެ މަގަށް ވިސްނުމަށެވެ. އޭގެ ސަބަބެއްކަމަށް ނާޒިމް ވިދާޅުވީ ތަރައްގީ ގެނެވޭނީ، އެ ވިސްނުން ހުރި ސިޔާސަތުތަކާއި ޕްލޭނެއް އޮތް ބަޔަކަށެވެ. އަދި ހާއްސަކޮށް އިހުލާސްތެރި މަސައްކަތެއް ކުރުމުގެ ނިޔަތް އޮތް ނަމަ ކާމިޔާބު ކުރެވޭނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމް ސަރުކާރަކީ އެކަން ރައްޔިތުންނަށް ގެނެސްދީ، ތަރައްގީ ހާސިލުކޮށްފައިވާ ބައެއް.. މިހާރު މި އުފެދިގެން މި އަންނަ ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީގެ ވެރިކަން ވެގެން ދާނީ ރައްޔިތުން އެދޭ ވެރިކަމެއް ކުރާނެ ސަރުކާރަކަށް

މި މަހުގެ 30 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެ އެވެ. އަދި އެކަމަށް ކެމްޕެއިނުތައް ފަށައި މުއިއްޒު ރަށްތަކަށް ދަތުރު ކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ހެއްދެވުމުގެ ޖަވާބެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން އަދިވެސް ލިބިފައި ނުވާތީވެ ސަން އައިލޭންޑް ރިސޯޓުގައި ހުންނަވާތާ ދެ ދުވަސް ވަނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: