ވެރިކަން ކާމިޔާބުވެއްޖެނަމަ، ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަކޮށްދެއްވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރޭ އަރޓިފިޝަލް ބީޗްގައި ޕީޕީއެމް، ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައިކަމަށެވެ. އެއީ ސަރުކާރުން ހިންގާ ނުރަނގަޅު އަމަލުތަކުގައި ބައިވެރިވުމަށް މަޖުބޫރު ވާތީކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މަޖުބޫރުންވެސް ބައިވެރިވަނީ މަދު ބަޔަކުކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މިނިވަންކަމަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫންކަަމަށް ދިވެހި ސިފައިންނާއި ފުލުހުން ގަބޫލުކުރާކަމަށާއި، ނަމަވެސް ސަރުކާރުން ސިފައިންނާއިމެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފުލުހުންނާއި، ސިފައިންނަށް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ދޭން ވައުދުވީ ފްލެޓުތައް އަދިވެސް ނުނިމޭކަމަށް މުއިއްޒު ވިދާޅުވިއެވެ. ފްލެޓުތައް ނިމުމާއި ގާތްވީއިރަށް، އަގުތައް ބޮޑުކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަގުތައް މިހާރު ހުރީ އަތްފޯރާފަށަށްވުރެ މަތީގައި. އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއްއަހަރު ދުވަހަށް އެއަގު ދެއްކުން ލަސްކޮށްލަންދޭނަން.
މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވައުދުވެވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއް އަހަރު ދުވަހަށް އެ އަގު ކުޑަ ކޮށްދެއްވުމަށާއި، އަދި ބަހާލައިގެން ފައިސާ ދެއްކޭނެ ލުއި ގޮތެއް ހަދައިދިނުމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑު ކޮށްދިނުމަށްވެސް ވައުދުވެވަޑާއިގެންވިއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކަން ދެއްވާނީ ގައުމީ ވިސްނުމަށްކަމަށާއި، ގައުމުގެ ފަހުރަކީ ސިފައިންކަމަށް ފާހަގަކޮށް މުއިއްޒު ދެއްވީ ސިފައިންނާއި ފުލުހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭނެކަމުގތެ ޔަގީންކަމެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، މީގެ 464 އަހަރު ކުރިން ބޮޑުތަކުރުފާނު ޕޯޝުގީޒުންނާއި ދެކޮލަށް ކުރި މަސައްކަތްތައް ދިފާއުކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. މިނިވަންކަން ޖަހައިގަތުމުގެ މަސައްކަތް ކުރަމުންދާއިރު، މިމަހުގެ 30 ވަނަ ދުވަހު ލިބޭ ތާރީހީ ފުރުސަތަކީ ގައުމުގެ މިނިވަންކަން ދަރިންގެ ދަރިންނަށް ފޯރުކޮށްދިނުމަށް ލިބޭ ފުރުސަތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

