ކޮންމެ ވެރިއަކީ ވެސް ރަނގަޅު އަހުލާގެއް ހުރި، ނަމޫނާ ބޭފުޅަކަށް ވާންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ޝަހީމް ވިދާޅުވީ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ލެގެސީ ހިފަހައްޓަވައި އެ ކުރިއަރުވާނެ ބޭފުޅަކީ މުއިއްޒު އެއީ ކަމަށެވެ. މުއިއްޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ، ތަރައްގީގެ ތަޖުރިބާ ހުރި ރައީސް ޔާމީންގެ ދަރިވަރެއްކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ބޭނުން ވަނީ އަހުލާގު ރަނގަޅު، ތައުލީމީ ގާބިލު ވެރިއެއް ކަމަށެވެ. އޭގެ ސަބަބަކީ ގައުމުގެ ކުރިއެރުމާއި ތަސައްވަރު ކުރެހުމުގައި އެ ވެރިއާގެ ވަރަށް ބޮޑު ދައުރެއް އޮތުމުންކަމަށާއި އެކަމުގެ ފުރިހަމަ މިސާލަކީ ރައީސް ޔާމީންކަމަށް ޝަހީމް ވިދާޅުވި އެވެ.
ތަރައްގީގެ ފިކުރު ކުރިއަރުވައި، ރައްޔިތުން އެދޭ އަދި ބޭނުންވާ ބަދަލު ގެނެސްދެވޭނީ އިދިކޮޅަށްކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މުޖްތަމައުގެ ހުރި ކަންބޮޑުވުންތަކާއި، މައްސަލަތައް ހައްލު ކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށް މި ވެރިކަން ބަދަލު ކުރުމަށް ޝަހީމް ގޮވާލި އެވެ.

