މި ސަރުކާރުގެ އިގްތިސާދީ އަސާސްތައް ހުރީ އެ ހުންނަން ޖެހޭ އުސޫލުން ބޭރުން އޮޅުންބޮޅުންވެފައިކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ހދ. ކުރިނބީއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހަދާ އެންމެ ބޮޑު ގޯހަކީ ރައްޔިތުންނާއި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށެވެ. މިއަދު އެ ރަށުގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ބަދަލު ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ. ރަށުގެ ރައްޔިތުންގެ ޝަކުވާތައް ގުޅިފައިވާ ބަނދަރުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުރިނބީގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ރޯހައުސް ހިމެނޭއިރު މުއިއްޒު ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ ދާއިރާއަކީ ބޯހިޔާވަހިކަން ކަމުގަ އެވެ. އެކަށީގެންވާ ބިމާއި އެކު، އެ ޖާގަ އޮތް ނަމަ އެކަން އެއަށް ވުރެ ތަނަސްވްކޮށް ކުރިޔަށް ގެންދިއުން މާ ރަނގަޅުކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރިނބީގެ ރައްޔިތުން އެދުނު ގޮތަށް ގެދޮރުގެ ސިޔާސަތު ކަށަވަރުކޮށްދޭ ކަމަށެވެ. މީގެއިތުރުން ހެލްތް ސެންޓަރުގެ މަސައްކަތާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މީގެ ކުރިން ރަނިންމޭޓު ހުސެއިން މުހައްމަަދު ލަތީފް ރަށަށް ވަޑައިގެން މަޝްވަރާ ކުރެއްވި ގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުގެ އިގްތިސާދީ އަސާސްތައް ހުރީ އެ ހުންނަން ޖެހޭ އުސޫލުން ބޭރުން އޮޅުންބޮޅުންވެފައިކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ކުދި އާބާދީގެ ރަށްތައް ރަނގަޅަށް ތަރައްގީ ނުކުރެވި އޮންނަ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

