ސަރުކާރެއް ހިންގުމުގައި ގެންގުޅެން ޖެހޭ ވަކި އުސޫލުތައް އޮންނައިރު މުއިއްޒު މިއަދު ދިވެހި ދައުލަތުގެ މިނިވަން މުވައްސަސާތައް އޮތީ ތަޅު އެޅުވިފައިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެއްލައްކައަށް ވުރެ ގިނަ ވޯޓާއި އެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46 އިންސައްތަ ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ވަނީ އަތޮޅުތެރޭގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވާފަ އެވެ. މީގެ ކުރިން ލިބުނު ކުރު މުއްދަތުގެ ތެރޭގައު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެވިފައި ނުވާތީ މުއިއްޒުގެ ވިސްނުން ހުުރީ ކުރިން ނުދެވުނު ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށެވެ.
އިއްޔެ މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ފަހު މިއަދު މުއިއްޒު ފެއްޓެވީ ހއ، ހދ، އަދި ށ އަތޮޅުގެ ކެމްޕެއިނެވެ. އެގޮތުން މިރޭގެ ބޮޑު ޖަލްސާ އޮތީ ހދ. ނޮޅިވަރަމްފަރުގަ އެވެ.
ކެމްޕެއިނުގައި ދާ ކޮންމެ ރަށަކުން ވެސް އާންމުންގެ ފަރާތުން އަންނަ ޝަކުވާއަކީ، މި ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައިވާކަމުގެ ޝަކުވާތައްކަމަށް މުއިިއްޒު ވިދާޅުވި އެވެ. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުން ނަމަވެސް، އެކަންކަމަށް މި ސަރުކާރުން ދެނީ ބީރު ކަންފަތެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނޮޅިވަރަމްފަރުގައި މިއަދު އޮތް ބޮޑު ޖަލްސާގައި މުއިއްޒު ވައުދުވީ ރަށުގެ ނެރު ނެރު ފައިކަށި ބޮޑުކޮށް ބަނދަރުގެ ދަތިކަމަށް ހައްލެއް ގެނައުމެވެ. އަދި ރަށަށް އެންމެ ފުރަތަމަ ވެސް ފޭބުމާއި އެކު ފެނިގެން ދިޔައީ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމާއި އެކު، އުމްރާނީ ގޮތުން ރަށަށް ކުރިއެރުން ބޭނުންވެފައިވާ މިންވަރުކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރަށަށް ބޭންކުގެ ބްރާންޗެއް ބޭނުންވާއިރު އެ ހިދުމަތް ރަށުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނެވޭނީ ދުރުރާސްތާ ޕްލޭނެއް އޮވެގެންނެވެ.
ސަރުކާރެއް ހިންގުމުގައި ގެންގުޅެން ޖެހޭ ވަކި އުސޫލުތައް އޮންނައިރު މުއިއްޒު ވިދާޅުވީ މިއަދު ދައުލަތުގެ މިނިވަން މުވައްސަސާތައް އޮތީ ތަޅު އެޅުވިފައި ކަމަށެވެ. ސަރުކާރުން އެކްޓިވިސްޓުން ހިމަނައިގެން އިދާރާތައް ހިންގުމަކީ މައްސަލައެއް ނޫންކަމަށާއި އެ މީހުންނަކީ އެ ދާއިރާގެ އިލްމު ލިބިފައިވާކަމަށް ގާބިލު ބަޔަކަށް ވާން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި މި ސަރުކާރުގައި ފެންނަނީ މުއިއްޒު ވިދާޅުވި ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓިފައިވާ މަންޒަރެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރު ވެގެން ދާނީ ދެފުށް ފެންނަ ޓްރާންސްޕޭރަންޓް ސަރުކާރަކަށް ކަމަށެވެ. އަދި ޒިންމާދާރު މަގާމުތަކުގައި ތިބޭ މެމްބަރުންނަކީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވެ އެ ކަންބޮޑުވުންތައް ސާފުކޮށްދޭ ބަޔަކަށް ހައްދަވާނެ ކަމަށެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ވަޒީފާތަކަށް ސިޔާސީ ނުފޫޒު އޮވެގެން ނުވާނެ ކަމަށެވެ. ވަޒީފާއެއް އަދާކުރަމުން ދާ މީހަކު ވަކި ސިޔާސީ ވިސްނުމެއް ހުރުމުގެ ސަބަބުން، ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެ މީހެއްގެ ވަޒީފާއަށް އޭގެ އަސަރުކޮށްގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އިލްމީ، ދުރަށް ވިސްނޭ ބައެއް ކަމަށެވެ. އެހެންކަމުން ގައުމުގެ މުސްތަގުބަލަށްޓަކައި ދެކެވޭ ވާހަކަތައް ކަނުލާ އަޑުއަހައި ގޮތް ނިންމުމަށް މުއިއްޒު އެދިވަޑައިގަތެވެ. މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭން މުއިއްޒު އެދިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން މުއިއްޒު ފައްޓަވައި ކުރިޔަށް ގެންދާއިރު، ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާތަނަށް ބައިވެރިވެފައި ވަނީ އެމްޑީޕީގެ ބޮޑު އެއް ބައްދަލުވުމުގަ އެވެ. އޭގެ ފަހުން ކޯލިޝަންގެ ދައުވަތު ދެއްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ދެ ދުވަސް ސަން އައިލެންޑް ރިސޯޓުގައި ހޭދަކުރެއްވި އެވެ. އެއަށް ފަހު ގާސިމް މިއަދު ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

