ދިވެހިރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާފަދަ އެތައްކަމެއް ތަކުރާރުކޮށް، ގައުމުގެ އިގްތިސާދު އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމަކަށް ގެންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މީގެ އެއް ހަފްތާ ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ނަމަވެސް ނާޒިމް ނިންމެވީ ދެވަނަ ބުރަކަށް ދިޔަ އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ވެސް މުއިއްޒާއި އެކު ކެމްޕެއިން ހަރަކާތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި މުއިއްޒަށް ވޯޓު ދޭން ޖެހޭ ސަބަބުތަކާއި، ރިޔާސީ އިންތިހާބުގެ ނަތީޖާއާއި އެކު މުއިއްޒާއި އެކު ކުރިޔަށް ދިއުމަށް ނިންމެވި ސަބަބު ވަނީ ހާމަކޮށްފަ އެވެ.
މިރޭގެ ހދ. ނޮޅިވަރަމްފަރު ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދިވެހި ގައުމު މިއަދު މިނިވަންކަމަށް ގަބޫލު ނުކުރެވޭކަމަށާއި، ރާއްޖޭގެ މައްޗަށް މިއަދު ބަސް ބުނަމުން ދަނީ އެހެން ބައެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އަތް ގަދަ ކުރުމަށްޓަކާ ކެނޑިނޭޅި އެހެން ގައުމަކުން މަސައްކަތް ކުރަމުން ގެންދާއިރު ނާޒިމް ވިދާޅުވި ގޮތުގައި، އެކަމުން ދިވެހިންނަށް އަރައިގެނެވެން އޮތީ އަމިއްލަ މަންފާއާއި، މަސްލަހަތުގެ ބަދަލުގައި ގައުމު އިސް ކުރާނެ ބަޔަކަށެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދީ އަޅުވެތިކަމާއި ގުޅޭގޮތުން ކަންބޮޑުވުންތައް އާންމުންނާއި ހަމައަށް ގެނެސްދިނުމުން ދާއިރާގެ މައުލޫމާތުތަކާއި އެ އިލްމު އެނގޭ ބައެއް ބޭފުޅުން ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ. އެކަމަކު ޖަވާބު ސާފުކޮށް އޮތީ ފެންނާންކަމަށާއި ރާއްޖޭގެ އިންފްރާސްޓްރަކްޗާ ކުރި ނޭރުމާއި އެހެން ބައެއްގެ އަތް މައްޗަށް އެކަން ދޫކޮށްލުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
ގައުމުގެ މިނިވަންކަމެއް ނެތް، އިގްތިސާދީ މިނިވަންކަމެއް ނެތް..
މުއިއްޒުގެ މެނިފެސްޓޯއާއި ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ނާޒިމް ވިދާޅުވީ ފަތުރުވެރިކަމާއި، މަސްވެރިކަން ކުރިއެރުވުމުގެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ. މި ސަރުކާރަށް މިވީ ފަސް އަހަރުގެ ތެރޭގައި ނަތީޖާ ނެރެވިފައި ނުވާއިރު އިތުރު ފަސް އަހަރު ދީގެން ވެސް ފެންނާނެ ކުރިއެރުމެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން ކުރިއެރުވޭނީ ފުދުންތެރި ބަޔަކަށް ހަދައިގެން ކަމަށެވެ. ކޮންމެ އާއިލާއަކާއި ވަކިން ބައްދަލުކޮށް ވާހަކަ ދެއްކުމުން، ކޮންމެ މީހަކު ވެސް އުޅެން ޖެހިފައިވާ ނިކަމެތި ހާލަތު އެނގިގެންދާކަމަށް ނާޒިމް ވިދާޅުވި އެވެ. ދިރިއުޅުމުގެ އެތައް ހަރަދެއް މަޖުބޫރުކަމެއްގެ ތެރެއިން ދަރަނިވެރިވެގެން ފުރިހަމަ ކުރަންޖެހޭއިރު ބޭނުން ވަނީ އެ ހާލަތުން އަރައިގަތުމަށް އެހީވާނެ ވެރިއެއްކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އިސްވެރިންގެ މެދުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައި އޮތް އިރު ވެސް އެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް މުވައްސަސާތައް އޮތީ ނިދާފައިކަމަށް ނާޒިމް ވިދާޅުވި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެކި އިދާރާތްތަކުގެ ބެލެނިވެރި މުވައްސަސާތަކަށް ބަސް ނުބުނެވި ތަޅު އެޅިފައި އޮތް އޮތުން ނިމުމަކަށް ގެނަންޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ބަދަލު ސެޕްޓެމްބަރު 30 ގައި ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އުންމީދަކީ ދިވެހިންގެ ރާއްޖެ، ދިވެހިންނަށް ލިބުންކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

