އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑުގައި އިންޑިއާގެ ނިޝާނެއް ނުހުންނާކެމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހދ. ނޮޅިވަރަމްފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި އެއްލަކައަށް ވުރެ ގިނަ ވޯޓާއި އެކު އިދިކޮޅު މިވަގުތު އޮތީ ބޮޑު އުންމީދަކާއި އެކު އެވެ. 47 އިންސައްތަ ވޯޓު ހޯއްދަވައި މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު، މިރޭގެ ބޮޑު ޖަލްސާ އޮތީ ހދ. ނޮޅިވަރަމްފަރުގަ އެވެ. މިއަދު އެކަނި 10 ރަށަކަށް ވަޑައިގެން ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް، މުއިއްޒު ވަނީ މެނިފެސްޓޯގައި ވާ ސިޔާސަތުތައް ހާމަކޮށް ޝަކުވާތަކަށް ހައްލެއް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކެމްޕެއިން ޖަލްސާތަކުގައި މުއިއްޒު ވެސް އެންމެ ބޮޑަށް ފާހަގަ ކުރައްވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އަދި ސުވާލުތަކެއް އުފެދޭ ކަންތައް ދިމާވުމެވެ. އަދި ސަރުކާރުން އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ދެކޮޅު ހަދާއިރު މުއިއްޒު ވަނީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ގޮވާލާފަ އެވެ.
މުއިއްޒު މިރޭ ނޮޅިވަރަމަށް ވަޑައިގަތުމުން ބަނދަރު މަތީން އެންމެ ފުރަތަމަ ވެސް މަރުހަބާ ދެންނެވީ ދާއިރާގެ މެމްބަރު ނަޝީދެވެ. އަދި މިރޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހިނގުމުގައި އިންޑިއާގެ އަތެއް އަބަދުވެސް ވާކަމަށެވެ. ނުވަތަ ރާއްޖޭގެ މައްޗަށް އެ ގައުމުގެ ނުބައި ނަޒަރެއް އޮންނަކަމަށް ތުހުމަތު ކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ ދިވެހި މި ގައުމު ބަދަލަކަށް ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް، ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނީ ތިލަދުންމަތީ ދަރީން ކަމަށެވެ. އެހެންކަމުން ހަމަ އެބީދައިން ބައެއްގެ ނުފޫޒުގެ އަތްމައްޗަށް ދާ ހިސާބުގައި އޮތް ދިވެހި ރާއްޖެ ސަލާމަތް ކުރެވޭނީ މުއިއްޒަށްކަމަށް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑުމެން އުންމީދު ކުރަމޭ، އަޅުގަނޑުމެންގެ އައިޑީކާޑުގައި އިންޑިއާގެ ދިދަ ނުހުންނާނެކަމަށް ކުރިޔަށް މި އޮތް ފަސް އަހަރުގެ ތެރޭގަ
މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރަށުގެ ތައްޔިތުން ބޭނުންވި އެތައް ތަރައްގީގެ ޕްރޮޖެކްޓެއް އޮތީ ކުރިޔަށް ނުގޮސް މަޑުޖެހިފައި ކަމަށެވެ. ރައްޔިތުން އަޑުއަހައި، މަޝްވަރާގެ މަގުން ކުރިޔަށް ދިއުމަށް މި ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށާއި އެހެން ނަމަވެސް މުއިއްޒު ދެއްކެވި ވާހަކައާއި އެކު ދާއިރާއަށް ލިބުނީ އާ އުންމީދުތަކެއްކަމަށް ނަޝީދު ވިދާޅުވި އެވެ.

