ވަޒީފާތަކުގެ ބިރު ދައްކައި، ފިއްތުންތައް ކުރިމަތި ކުރުވުމަށް ފަހު ކިތަންމެ ފުރައްސާރައެއް ކުރި ނަމަވެސް ގައުމީ ހައްގު ބަސް ބުނުމުގައި ފަސް ނުޖެހުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފައްޓަވައި މިވަގުތު ށ. އަތޮޅުގައި ހުންނެވި ޑރ. މުއިއްޒު ރައްޔިތުންނަށް ގޮވާލީ ސަރުކާރުން ބޭނުންވާ ސަކަރާތެއް ޖެހުމުގެ ފުރުސަތު ނުދިނުމަށެވެ. އަދި ރައްޔިތުން އެދޭ ބަދަލަށް ކުރާ މަސައްކަތުގައި ދެމިތިބުމަށް ގޮވާލައި ދާއިރާއިން އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށުން ހޯދައިދިން ކާމިޔާބަށް ޝުކުރު އަދާކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ސަރުކާރު ގޮތް ހުސްވާ ގޮތްވެ، އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަމުން ދާ ކަމަށެވެ. އެގޮތުން މިއަދު އިވުނު އަޑަކީ ރީ ރެޖިސްޓްރޭޝަންގެ ދެ ދުވަހެއްގެ ތެރޭގައި 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިއީ އަސްލު އަދަދުތަކެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިިދިކޮޅުގެ ގިނަ ކަންބޮޑުވުންތައް ހުރިއިރު އިލެކްޝަންސް ކޮމިޝަނާއި، ކަމާއި ބެހޭ މުވައްސަސާތައް މި މައްސަލަ ބަލަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް ވަޒީފާގެ ބިރު ދައްކައި، އެ މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ގެންދާއިރު މުއިއްޒު ވިދާޅުވީ އޭނާ ދޭން އޮތް ޔަގީންކަމަކީ ވެރިކަމަށް ވަޑައިގެންފި ނަމަ އެ ވަޒީފާ އަލުން އިޔާދަކޮށްދިނުން ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހައްގަކަށް އެޅޭނެ ހުރަހެއް ނެތްކަމަށެވެ. ބަސް ބުނާ މީހާއަށް އަނިޔާވެރިވެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން ސަރުކާރު ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ވަޒީފާގެ ބިރު ނުދެއްކޭނެ.. އަޅުގަނޑު ޔަގީންކަން ދެން އެ ވަޒީފާ އަލުން އިޔާދަކޮށްދޭނަން
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މިއަދު ކުރަންވީ އެންމެ މުހިންމުކަމަކީ އޮޅުވާލައިގެން އިތުރު އެހެން ފޮއްޓަކަށް ވޯޓުލުމަށް ރެޖިސްޓްރީކޮށްފައިވޭތޯ ބެލުމެވެ.
މި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެވަނަ ބުރަށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައި ވަނީ އާދަޔާ ހިލާފަށް ގިނައިން ކަމަށެވެ. މިއީ ރައްޔިތުންނަށް އެވެސް އެނގުމެއް ނެތި ހުށަހަޅާފައިވާ ފޯމުކަމަށް ތުހުމަތުކޮށް އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މުއިއްޒަށް ވޯޓު ދޭނެކަމަށް ބެލެވޭ މެމްބަރުންގެ ފޯމުތައް ކަމަށެވެ.
ރަނގަޅު ނިޒާމެއްގެ ތެރެއިން ފޯމުތައް ޕްރޮސެސްކޮށް ސައްހަކަން ކަށަވަރު ކުރުމަށް ގޮވާލައި އަބްދުއްރަހީމް ވިދާޅުވީ ފޯމުތަކުގައި ހުންނާނީ ވެސް ގޯސް ނަމްބަރުތައްކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ވެރިފިކޭޝަންގެ ތެރެއިން ވެސް އަސްލު އެ މީހެއްގެ ނަމްބަރަށް ނުގުޅޭނެތީ ދެން އަބްދުއްރަހީމް ގޮވާލީ މިއަދު ކޮންމެ ރައްޔިތަކު ވެސް މިއަދު އެ މީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ފޮއްޓެއް ބަލައި ޔަގީން ކުރުމަށެވެ

