ށ. ފުނަދޫގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމުކޮށްދިނުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މިރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ދެއްވި ޔަގީންކަމަކީ ރަށުގެ ތަރައްގީގެ ޕްރޮޖެކްޓުތައް ބާރު ސްޕީޑުގައި ނިންމަދިނުމެވެ. ބައެއް ސަރަހައްދުތަކުގެ މަގު ހެދުމާއި، ބަނދަރު ހެދުން އަދި އިންފްރާސްޓްރަކްޗާއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް އެވޯޑުކޮށްފައިވީ ނަމަވެސް މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ކުރިޔަށް ނުދެ އެވެ.
ތަރައްގީގެ މާސްޓަރ ޕްލޭނާއި އަދި ސިޔާސަތުތައް ހާމަކޮށް މުއިއްޒު ވިދާޅުވީ އުތުރުގައި ށ. އަތޮޅު ހިމެނޭ ގޮތަށް ނޮދަން އިކޮނޮމިކް ޒޯން، އައްޑޫ އާއި ފުވައްމުލަށް އަދި ހުވަދު އަތޮޅުގައި ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އާބަން ސެންޓަރުތައް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމު ކުރައްވާނެ ކަމަށެވެ. މިއީ 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މަޝްރޫއުތައް ކުރިޔަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.
މީގެ ކުރިން ފުނަދޫގައި ޖަލްސާއެއް ބާއްވާފައިވާތީ އާއި އެކު ވައުދުތައް ތަކުރާރު ނުކޮށް މުއިއްޒު ވިދާޅުވީ އިއުލާނު ނުކުރެވި އޮތް އެހެންކަމެއް ހާމަ ކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން އާބާދީ ތަރައްގީ ކުރުމުގެ ގޮތުން، ގައުމީ ދެ ޔުނިވާސިޓީގެ ވެސް ކެމްޕަސްއެއް ރަށުގައި ގާއިިމު ކުރައްވާނެ ކަމަށެވެ.
މާލެއަށް ދާން ޖެހޭ ސަބަބުތަކުގެ ތެރޭގައި ރަށުން އެކަށީގެންވާ ހިދުމަތްތައް ނުލިބޭއިރު، ތައުލީމު ފުރިހަމަ ކުރުމަށް މިއީ ލިބޭ ފުރުސަތަކަށް ވެގެންދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ އުތުރުގެ ތަރައްގީގެ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ފުނަދޫ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން ތަފްސީލުކޮށްދެއްވާފަ އެވެ. އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދޫ ސަރަހައްދީ ހަބަކަށް ހެދުމުގެ ޕްލޭންގައި ވާގޮތުގައި އެ ކަންކަން މަގުފަހި ކުރުމަށްޓަކައި ލިބެން ޖެހޭ އެހެނިހެން ހިދުމަތްތައް އެބަހުއްޓެވެ.
މުއިއްޒު ވިދާޅުވެފެފައި ވަނީ ފުނަދޫއަކީ އެ ސިޔާސަތުގެ ދަށުން ކުރިޔަށް ދިއުމަށް މީގެ އަހަރުތަކެއް ކުރިން ވެސް މަސައްކަތަކެއް ކުރެވުނު ރަށެއް ކަމަށެވެ.

