ގޭންގުގެ ލީޑަރުންނަށް މަގާމެއް ދޭން އުޅޭކަމަށް ބުނެ، ނުވަތަ ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލާނެކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދޮގު ވާހަތަކެއްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް މިވަގުތު ށ. އަތުޅުގައި ހުންނެވި ޑރ. މުއިއްޒު މިއަދު އެކަނި ވެސް ރައްޔިތުންނާއި ބައްދަލު ކުރުމަށް ދިހަ ރަށަކަށް ވަޑައިގަތެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ކޮންމެ ދުވަހަކު ވެސް ކެމްޕެއިނާއި ގުޅުން ހުރި ހަރަކާތަތައް ކުރިޔަށް ގެންދަވާކަން ފާހަގަ ކުރެވެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެންމެ ފުރަތަމަ ލިބުނު މުއްދަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިފައި ނުވާތީ، ދެވަނަ ބުރާ ދެމެދު ބާކީ މިއޮތް 13 ވަރަކަށް ދުވަހުގެ ތެރޭގައި މުއިއްޒުގެ އަމާޒަކީ ކުރިން ވަޑައިނުގެންނެވޭ ހުރިހާ ރަށްތަކަށް ވަޑައިގަތުމެވެ.
ހއ، ހދ އަދި ށ ގެ ރަށްތަކުގެ ބައްދަލުވުންތަކަށް ފަހު މިރޭ ބޮޑު ޖަލްސާ އޮތީ ށ. ފުނަދޫގަ އެވެ. މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުންފުނިތައް އުވާލަން އުޅޭކަމަށް ބުނެ، ނުވަތަ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކު ވަކި ކުރުމަށް ރާވާފައިވާކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މި ވާހަކަތައް ދައްކަނީ، ސިޔާސަތުތަކެއް ނެތި އެބައެއްގެ މެނިފެސްޓޯގެ ވާހަކަ ދައްކާނެ ގޮތެއް ނެތިގެން ތޯ ސުވާލު އުފައްދައި މުއިއްޒު ވިދާޅުވީ އޭނާގެ ނަމާއި ޕާޓީގެ ލޯގޯ ބޭނުންކޮށްގެން ބުއްދިއަށް ގަބޫލު ނުކުރެވޭ ފެންވަރުގައި ވެސް އޮޅުވާލުންތައް ފަތުރަމުން ދަނީ ކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ދެމެދުވީ އެއްބަސްވުންކަމަށް ބުނެ ޕާޓީގެ ލޯގޯ އާއި އޭނާގެ ސޮއި ޖަހައި ލިޔެކިއުމެއް ފަތުރަމުން ގެންދާއިރު މިއަދު އަނެއްކާވެސް ވެރިކަން ލިބިވަޑައިގެންފި ނަމަ އެކުލަވާލާނެ މެނިފެސްޓޯކަމަށް ބުނެ ލިއުމެއް ވެސް ހަދައިގެން ދައުރު ކުރަމުން ގެންދާކަން މުއިއްޒު ފާހަގަ ކުރި އެވެ. އެކަމަކު މި ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރުމަށް އެދޭކަމަށާއި، ބޮޑު ޖަލްސާއެއްގައި މިކަން ފާހަގަ ކުރަން ވެސް ޖެހުނީ ބައެއް ރައްޔިތުން އެ ސުވާލު ކުރާތީކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވަރަށް ގިނައިން އިވޭނެ މިކަހަލަ ހަގީގަތާ ވާހަކަތައް.. ފެނަކަ އުވާލާ ވާހަކަ ވެސް އިވިއްޖެ.. އާރުޑީސީ ވެސް އުވާލާ ވަހަކަ އިވިއްޖެ.. މިވާހަކަ ދައްކާ މީހުން، މި ވާހަކަ ދައްކަވަނީ ހެޔޮހިތަކުން ވެސް ނޫން. ހަމަ އެގޮތަށް އަޑުއިވުނު ވާހަކައެއް އަނެއްކާވެސް.. ދެން މިހެން އަޑުއިވިފަ ހުރި ވާހަކަތަކެއްވީމަ އަޅުގަނޑު މިހެން ޖަލްސާގައި ދައްކަނީ.. އަޅުގަނޑު މިހާރު ނިންމާފަ އޯ ވަނީ ޕޮލިސް ކޮމިޝަނަރަކަށް ކޮންމެސް ގޭންގެއް.. ގޭންގެއްގެ ލީޑަރެއް ލާން.. މިކަހަލަ ވާހަކަތައް… ދެން މިވާހަކަތައް ގަބޫލު ކުރާ މީހުންތައް އަޅުގަނޑާ ކުރަނީ މި ސުވާލު.. އަޅުގަނޑު އަދި ނުނިންމަން އެއްވެސް މަގާމަކަށް ލާނެ މީހެއް
ޕޮލިސް ކޮމިޝަނަރަކަށް ވަކި ބޭފުޅަކު އައްޔަނު ކުރުމާއި އެކު، ގޭންގުތަކާއި ގުޅުން ބާއްވާނެކަމަށް ފަތުރާ ވާހަކަތައް ދޮގުކޮށް މުއިއްޒު ވިދާޅުވީ މިއީ ތާކުންތާކު ނުޖެހޭ އޭނާގެ މުޅި މިޒާޖާއި އަދި ސިޔާސަތުތަކާއި ގަބޫލު ކުރުންތަކާއި ވެސް ހިލާފު ވާހަކަތަކެއް ކަމަށެވެ. ކޮންމެ މަގާމަކަށް ވެސް އަންނާނީ ގާބިލު، އެކަމުގެ ތައުލީމާއި ހުނަރު ހުރި ބޭފުޅެއްކަމަށް މުއިއްޒު ވުދަޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ޒުވާނުން ފުދުންތެރި ބަޔަކަށް ހަދައި، އަހުލާގު ރަނގަޅު މުޖްތަމައެއް ބިނާ ކުރުމަށް ކަމަށެވެ. އެހެންކަމުން ވާދަވެރިން ދައްކަމުން ގެންދާ ވާހަކަތައް ގަބޫލުކޮށް އެ މަޅީގައި ނުޖެހުމަށް މުއިއްޒު އެދިވަޑައިގަތެވެ. ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް އޭނާގެ ކިބައިން ފެންނާނެ އަމަލުތަކާއި ސިފަތަކެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރާ މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ. އަދި ންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ސާޖިދާއާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް ހަރުކަށި ފިކުރު ގެންގުޅޭކަމުގެ ތުހުމަތު ކުރާ މޭރުމަކުން ދެއްކެވި ވާހަތަކުގެ ސަބަބުން އެ ވާހަކަތައް ވަރަށް ބޮޑަށް ދައުރުވި އެވެ.
އޭގެ ފަހުން ސޯޝަލް މީޑިއާގައި އެ އަޑުތައް ގަދަވެ، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ ހަރުކަށި ފިކުރުގެ ހަބަކަށް ބަދަލުވާނެކަމަށް އެމްޑީޕީގެ މެމްބަރުން އައީ ބުނަމުންނެވެ

