އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ފަހަތުގައިވާ މީހުން ހޯދައި، އެމަނިކުފާނަށް އިންސާފު ހޯދައިދޭނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ 10 މީހެކެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރާވައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވި މީހުން ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.
ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވެސް ބުނީ އެފަދަ އެއްވެސް އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 03 ފަހަރެއްގެ މަތީން ރާވާފައި ވެއެވެ.
ސީރިއަސް ބޮޑެތި، ތުހުމަތުތަކެއް ކުރެވޭ މި މައްސަލައިގައި ހިނގި އޮޕަރޭޝަންތަކަށް ފަހު ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އަދި މިއަދާއި ހަމައަށް ރައީސް ނަޝީދުގެ އަރިސް މެމްބަރުން ތުހުމަތު ކުރަނީ ހަމަލާގެ ފަހަތުގައި ތިބީ ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ މުއިއްޒު ފާހަގަކުރީ، އިންސާފުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދެއްކެވުމުގެ ތެރެއިންނެވެ. މާފަންނުގައި އޮތް ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއް ވެގެން ދާނީ ދިވެހިންނަށް ހަގީގީ މާނައިގައި މިނިވަންކަން ލިބޭނެ ދުވަސްތަކަށް ކަމަށެވެ. ކޮންމެ ރައްޔިތަކީ ވެސް އިންސާފާއި ހަމަހަމަ އުސޫލުގެ ތެރެއިން އުޅެވެން ޖެހޭ މީހެއްކަމަށާއި، ވަކި މީހަކަށް ވީތީ، ނުވަތަ ވަކި މަގާމެއްގައި ހުރެ ނުވަތަ ވަކި މަގާމެއް އަދާކުރީތީ ބޭއިންސާފުން އެއްވެސް ކަމަކާ އެ މީހަކު ކުރިމަތިލާން ޖެހޭ ދުވަސްތައް އައިސްގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް ދެ އަހަރުވެގެން ދިޔައިރު އިންސާފު ލިބިފައި ނުވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެފަދަ ބޭފުޅަކަށް ބަޔަކު ދިން ހަމަލާއަށް އެއްވެސް ސަމާލުކަމެއް ދެވުނުތައް ވެސް ނުފެނުނު ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ އެ މައްސަލަ ވެސް ބަަލައި ތަހުގީގުކޮށް، އަޑީގައި ތިބީ ކޮން ބައެއްކަން ދެނެގަތުންކަމަށާއި، ވެރިކަން ލިބިވަޑައިގެންފި ނަމަ އެމަނިކުފާނަށް އިންސާފު ހޯދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް މާލޭގެ މަޖީދީ މަގުގެ މެދުގައި ދިން އަނިޔާވެރި ހަމަލާ.. އެ ހަމާލާއަށް އިންސާފު ހޯދައިދީފައި ނުވޭ، މި ސަރުކާރުން އެކަމަށް ދޭންވާ ސަމާލުކަން ދީފައި ނުވޭ.. އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމު ކުރުމަށް އަޅުގަނޑުމެން މި އަންނަނީ.. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި
މޭއި ހައެއްގެ ހަމަލާއަށް އިންސާފު ނުލިބޭތީ، އެކަން ރައީސް ނަޝީދުގެ އަރިސް މެމްބަރުން އަބަދުވެސް ފާޑުވިދަޅުވެ އެވެ. ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މީގެއިތުރުން ހަމަލާގައި އިސްކޮށް އުޅުނުކަމަށް ބުނާ ބައެއް މީހުންނަށް ޖަލުން މައާފު ލިބުނު ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާފައިވާތީ އެކަން މީޑިއާތަކުން ވެސް ފާހަގަކުރި އެވެ.

