ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުގެ ގޮތުގައި 10 މެމްބަރަކު ހިމެނުމާއިއެކު އެ ޕާޓީއަށް މަޖީލީހުގެ މައިނޯރިޓީ ލީޑަރުކަން ލިބިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ކުރިން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންތަކެއް މަޖިލީހުގައި ތިބިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު އެ 10 މެމްބަރުންވަނީ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައިކަމަށާއި އެކަން މަޖިލީހަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމެނިފައިކަން އެ ކޮމިޝަނުންވެސް އަންގާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން އެމަނިކުފާނުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުއާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް އެ މެމްބަރުންގެ ތެރޭގައި ހިމެނޭކަަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ހުށައަޅަންޖެހޭ ލިޔެކިއުންތައްވެސް ހުށައަޅާފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ބަދަލާއިއެކު ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވަނީ އެމްޑީޕީގެ 56 މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުން، ޕީޕީއެމްގެ 5 މެމްބަރުން އަދި ޕީއެންސީގެ 3 މެމްބަރުންނާއި އެމްއެންޕީގެ 3 މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުންގެ އިތުރުން ޖޭޕީގެ 2 މެމްބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 3 މެމްބަރުން ހިމެނޭ ގޮތަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ބަދަލާއިއެކު ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސްކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދުގެ ދަށުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްކަމަށާއި އެ ބަދަލާއިއެކު ބަހުސްކުރުމަށް ލިބޭ ވަގުތަށްވެސް ބަދަލުތައް އައިސްފައިވާކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައިވާ ގޮތަށްވެސް ބަދަލުތައް އަންނާނެކަމަށްވުމުން އެކަން ފާސްކުރުމަށް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

