ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީގެ ލީޑަރު، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފިޔަވައި އެހެން އެއްވެސް މީހަކަށް ދީނީ ކާޑު ނުކުޅެވޭނެކަމަށް ޝެއިހް އިލްޔާސް ޖަމާލް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޝެއިހް އިލްޔާސް ޖަމާލް މިފަހަކަށް އައިސް ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުން ސޯޝަލް މީޑިއާގެ ސަމާލުކަން ވަރަށް ބޯޑަށް ހޯއްދަވަ އެވެ. އެގޮތުން ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ލަވަ ކިއުއްވާ ވީޑިއޯއެއް އާންމުވި އެވެ.
އެރޭގެ ޖަލްސާގައި އިލްޔާސް ޖަމާލް ލަވަ ކިއުއްވި ސަބަބެއްކަމަށް ވިދާޅުވީ ބައްދަލުވުމުގެ ފޯރިގަދަވުމުން ކަމަށެވެ. އޭގެ ފަހުން ރޭ ރައީސް ސޯލިހު ބައިވެރިވި ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ޝެއިހް އިލްޔާސް ޖަމާލް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓާއި، ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތާއި ގުޅުވައި ޅެމެއް އިދިކޮޅަށް އަމާޒު ކުރި އެވެ.
ރައީސް ސޯލިހާއި، އެމްޑީޕީއަށް އަމާޒުކޮށް ދީނީ ކާޑު ކުޅެމުން ދަނީ ޕީޕީއެމް/ޕީއެންސީންކަމަށް ތަކުރުކޮށް އިލްޔާސް ޖަމާލް ވިދާޅުވީ އިދިކޮޅުން ދަނީ ލާދީނީ ޓެގު ބޭނުންކޮށް، ދީނީ ކާޑު ކުޅުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ އެބޭފުޅުން ބޭނުންވާ ގޮތަސް ދީނީ ކާޑުވެސް، އަދި ލާދީނީ ކާޑުވެސް ނުކުޅެވޭނެ ކަމަށެވެ.
އެ ސަބަބާ ހުރެ އިދިކޮޅު މާޔޫސްވާ ހާލަތަށް ގޮސްފައިވާކަމަށާއި، އެއީ އެ ކާޑު މީގެ ކުރިން ކުޅުއްވި ބޭފުޅަކީ އަދާލަތު ޕާޓީގެ ލީޑަރު އިމްރާނަށް ވީތީކަމަށް އިލްޔާސް ޖަމާލް ވިދާޅުވި އެވެ. އެހެންކަމުން ދެން އިތުރު މީހަކަށް އެގޮތަށް، ލާދީނީ ކާޑާއި، ދީނީ ކާޑު ނުކުޅެވޭނެކަމަށް ވިދާޅުވި އެވެ.
އެބޭފުޅުން ވަރަށް ރޭވި ދީނީ ކާޑު ކުޅެން. ނުކުޅެވޭނެ. ލާދީނީ ކާޑު ކުޅެން. ނުކުޅެވޭނެ. މާޔޫސް ވެއްޖެ. އެއީ ކީއްވެގެންތޯ؟ އެ ކާޑު މީގެ ކުރިން މި ގައުމުގައި ކުޅުއްވީ އަދާލަތު ޕާޓީ، ޝެއިހް އިމްރާން އަބްދުﷲ .. އެ ހުންނެވީ، ދެން ކިހިނެއް ތޯ އެ ކާޑު ކުޅޭނީ
އިލްޔާސް ޖަމާލް ވިދާޅުވީ އޭރު އިމްރާން ދީނީ ކާޑާއި، ލާދީނީ ކާޑު ކުޅުއްވީ ސަބަބުތަކެއް ވެސް ހުރެގެން ކަމަށެވެ. އެހެން ނަމަވެސް އެ ޝައްކުތައް މިހާރު ފިލައިގޮސްފައިވާކަމަށާއި، ރައީސް ސޯލިހަކީ އެންމެ އިސްލާމީ ހުލްގު ހެޔޮވެރިޔާ ކަމަށެވެ. އެހެންކަމުން ދީނީ ކާޑު ކުޅޭނެ ފުރުސަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ދީނީ ކާޑު ނުކުޅެވޭނެކަމަށް ބުނެ އިލްޔާސް ޖަމާލް ވާހަކަ ދެއްކެވި އިރު، އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްކަމަށް އެންމެ ބާރަށް ގޮވި އެއް ބޭފުޅަކީ އިމްރާނެވެ. އެކި މުޒާހަރާތަކާއި، އެއްވުންތަކުގައި އިމްރާން ވަނީ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންނަށް ވެސް ލާދީނީއަށް ގޮވާފަ އެވެ. އޭގެ ފަހުން އުފެދުނު އެކި ސަރުކާރުތައް ބަދަލު ކުރުމަށާއި، ވެރިކަމެއް ގެނައުމަށް ވެސް އެންމެ ބޮޑަށް އަދާލަތު ޕާޓީން ދެއްކީ ދީނުގެ ވާހަކަ އެވެ.
ރިޔާސީ ކެމްޕެއިން ދުވަސްވަރުގައި، ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އަނބިކަބަލުން ސާޖިދާއަށް ފާޑުވިދާޅުވެ ސަލަފް ޖަމިއްޔާއާއި ގުޅުވާފަ އެވެ. އަދި މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ އަފްގާނިސްތާނަށް ބަދަލުވާނެކަމަށާއި، އަންހެނުންގެ ކުރިއެރުމަށް ހުސްއަޅާނެ ކަމަށެވެ. އެކަމަށް މާރިޔާއަށް ވަރަށް ބޮޑަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.
ސިޔާސީ މަސްރަހުގައި އެކި މީހުންނާ ދެކޮޅަށް، ދީނީ ކާޑު ކުޅެ ލާދީނީ ޓެގު އެޅުވުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

