ވެންޓިލޭޓަރުގެ ހިޔާނާތުގެ ސަބަބުން ގެއްލުނު ފައިސާ އަދި ވެންޓިލޭޓަރުތައް ކޮބައިތޯއާއި، ޖުލައި މަހު ދުއްވޭނެކަމަށް ބުނި ތިލަމާލެ ބުރިޖު ކޮބައިތޯ ވިދާޅުވެ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ސުވާލުއުފައްދަވައިިފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ މިއަދު 9 ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ 7 ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މިއަދުގެ ފަހު މަންޒިލް ނ ހުޅުދުއްފާރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު އެންމެ ފުރަތަަމަ ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުޅުދުއްފާރުން އެމަނިކުފާނަށް ދެއްވި ތާއީދެވެ. އެކަމަށް ޑރ މުއިއްޒު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް ހުށައަޅާފައިވާކަމަށް ފާހަގަކުރަައްވާ ޑރ މުއިއްޒު ވިދާޅުވީ އެއީ ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއްކަމަށެވެ. ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ބެލުމަށްފަހު އެކަންކަން ރަށަށް ބޭނުންވާ މިންވަރު ބެލުމަށްފަހު ކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ނުލިބޭކަމަށާއި، ހައްގުތައް ކަށަވަރުނުވާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެ ހައްގުތައް ކަށަވަރުކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ޖުމްލަކޮށް މުޅި މަޖުތަމައު ވަރަށް ހޭލުންތެރި، އެކި ކަހަލަ ހައްގުތައް، ގާނޫނު އަސާސީގައި ބަޔާންކޮށްފައި މިހުރި ހައްގުތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުވާނެ. މި ސަރުކާރުން މި ހިންގާ ސިޔާސަތުތައް އޮތް ގޮތުން އެކަން ކަށަވަރެއް ނުވޭ.
ޑރ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބު ގާތްވަމުން އައިވަރަކައް ސަރުކާރުން އަންނަނީ ކުންފުނިތަކުން ދެމުން އަންނަ ވަޒީފާތައް އިންތިހާއަށް އިތުރު ކުރަމުންކަމަށެވެ. އާމްދަނީގެ ފުރުސަތުތައް ހޯދައިދިނުމަކީ މުހިންމުކަމެއްކަމެއް ނަމަވެސް ،އެކަން ކުރައްވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް ވިދާޅުވާފަދަ މޭރުމަކުން ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދަވާފައެވެ.
މި ގައުމުގައި އަބަދުވެސް އޮތީ މިނިވަން ހާރިޖީ ސިޔާސަތެއްކަމަށާއި، ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު، ގައުމު ބައެއްގެ އަޅުވެތިކަމަށް ގޮސްފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި ގައުމުގައި ބޭރުގެ ސިފައިން އެބަތިބިކަމާއި، އެމީހުންގެ އަތުގައި އެތައް ބާރުތަކެއް އޮތްކަމީ ރައްޔިތުން ދަންނާނެ ހަގީގަތެއްކަމަށެވެ. އަދި ސަރުކަރުން އަންނަނީ އެތައް މައުލޫމާތުތަކެއް ސިއްރުކުރަމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގައުމު އޮތީ އެންމެން ނިކުމެ އެކުގައި މަސައްކަތްކޮށް ސަލާމަތްކުރާ ހާލަތުގައިކަމަށާއި، ދަރިންގެ މުސްތަގުބަލަށްޓަކައި ގައުމީ ވިސްނުން އިސްކޮށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގެންނަން ޖެހޭ އެންމެ މުހިންމު ސަބަބަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ މުއިއްޒު ވަނީ މި ސަރުކާރުގައި ކޮރަޕްޝަންގެ ވަރަށް ގިނަ އަމަލުތައް ހިންގަމުންގެންދާކަމަށް ތުހުމަތުކޮށްފައެވެ. ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް އިތުރުވެފައިވާކަމަށް ވިދާޅުވެ، ޑރ މުއިއްޒު ފާހަގަކުރެއްވީ ވެންޓިލޭޓަރުގެ ހިޔާނާތެވެ. އެ ހިޔާނާތުގެ ސަބަބުން ރައްޔިތުންގެ އެތައް ފައިސާއެއް ގެއްލިފައިވާއިރު، އެކަން ތަހުގީގުކުރެވިފައިނުވާކަމަށާއި، އަދި ލިބެންޖެހޭ ވެންޓިލޭޓަރުތައްވެސް ހޯދައިނުދެވުނުކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ވެންޓިލޭޓަރުގެ ހިޔާނާތުގެ ސަބަބުން ގެއްލުނު 300 މިލިއަން ޑޮލަރު އަނބުރާ ރައްޔިތުންނަށް ހޯދައިނުދީ، އަދި ވެންޓިލޭޓަރުތައް ކޮބައިތޯ އަހާ އުފައްދާ ސުވާލަށް ޖަވާބުނުދެއްވާ، ދެން ސަރުކާރުން ރައްޔިތުންގެ ގާތަށް ވޯޓު ހޯދުމަށް އައުމުން އޭގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ތިލަމާލެ ބުރިޖުގެ ވާހަކަވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަޝްރޫއަށް ޖުމްލަ 700 މިލިއަން ޑޮލަރުގެ ލޯންއެއް ނަގާފައިވާއިރު، މިހާރު އޭގެ ތެރެއިން 190 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ބުރިޖުގެ އެއްވެސް މަސައްކަތެއް ކުރިއަށްދިޔަ މަންޒަރު ނުފެންނަކަމަށް ފާހަގަކޮށް ޑރ މުއިއްޒު ސުވާލުއުފެއްދެވީ އެހެންކަމަށްވާނަމަ އެ 190 މިލިއަން ޑޮލަރަށްވީ ކިހިނެއްތޯއެވެ.
ވީ ވައުދާއި އެއްގޮތަށް އެ މަޝްރޫއު ކުރިއަށްނުދާކަމަށާއި، ތިލަމާލެ ބުރިޖުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ދަތުރުކުރެވެން ފަށާނެކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެ ވައުދު ފުއްދައިނުދެވުނުކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

