ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ވަދުވެވަޑައިގެންނެވީ ”އޯލް އިންކުލޫސިވް ސޮސައިޓީއެއް“ ގާއިމްކޮށްދެއްވުމަށް!

އިދިކޮޅުން ކެމްޕެއިންއަށް ބ ކަމަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައުއެއް ގާއިމްކޮށްދެއްވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބ އަތޮޅުގެ ފުރަތަމަ މަންޒިލް ކަމަދޫގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ނިމިދިޔަ ބުރުގައި މި ރަށުގެ ރައްޔިތުން ވަރަށް މަސައްކަތް ކޮށްފައިވާކަމަށާއި، އަދި ނަތީޖާ ނެރެދެއްވާފައިވާކަމަށެވެ. ސެޕްޓެމްބަރ 30 ވަނަ ދުވަހާއި ހަމައަށް، މި މަސައްކަތް އިތުރު ހަރުފަތަކަށް ގެނެސްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރަށްތަކަށް ވަޑައިގަތުމުން ހުށާއަޅާ ކަންކަމުގެ ތެރޭގައި އަބަދުވެސް ހިމެނެނީ ފަށާފައި ހުރި މަސައްކަތްތައް ނިންމުމުގެ ނުވަތަ ކުރިއަށް ނުދިއުމުގެ މައްސަލަކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވީ މިފަދަ މައްސަލަތައް ހައްލުކޮށްދެެއްވުމަށެވެ. އެގޮތުން ކަމަދޫގައި އެއްވެސް އުސޫލެއް ނެތި ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާ ބަނދަރުގެ މަސައްކަތް ހައްލުކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ބަނދަރު ތޮށި ހެދުމަށްފަހު ރޫޅާލާފައި، ހަމަ އެ މަސައްކަތް އަނެއްކާ ކުރަމުންދާތަން ފެންނަމުންދާކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ދައުލަތަށް އެތައް އާމްދަނީއެއް ލިބި، އެ ފައިސާ ހަރަދުކުރަމުންދާއިރުވެސް، މި ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ރަށް ރަށުގައިވެސް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް، އަމިއްލަ ފައި މައްޗައް ތެދުވެވޭނެ މަގު ކޮށައިދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މަޝްރޫއުތައް ހިންގާނީ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަށްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ކޮންމެ ރަށަކަށްވެސް މިދޭ ޔަޤީން ކަމަކީ އެއްވެސް މަޝްރޫއެއް އެއީ ރައްޔިތުންނަށްޓަކައި ފައިދާ ހުރި ގޮތަކަށް އޮތް ކަމަކަށްވަންޏާ އަދި ފައިދާ ނުވާ ގޮތަށް އޮތިއްޔާ ފައިދާ ވާ ގޮތަށް ބަދަލުކޮށް ރަށުގައި ފެށިފައި އޮތް އަދި ފަށަން ނިންމާފައި ސޮއިކޮށްފައި ހުއްޓަސް އެ ކޮންމެ ކަމަކީ އަޅުގަނޑުމެން ތިބޭފުޅުންނަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ބާރު މިނުގައި އިސްރާފު ކުޑަކޮށް ރަނގަޅުފެންވަރުގައި ގޮސް ނިންމައިދޭނަން.

ޑރ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ކަމަދޫއަށް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި ސިއްހީ ނިޒާމައި، ތައުލީމީ ނިޒާމު ހަރުދަނާކޮށްދެއްވާނެކަމަށާއި، ޒުވާނުންގެ މަރުކަޒު ހަދާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރަނގަޅު ފެންވަރުގެ މިސްކިތެއް ގާއިމްކޮށްދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެ ރަށެއްގެ ނިސްބަތުން ޕާކްތައް ގާއިމްކޮށްދެއްވާނެކަމަށާއި، ވެރިކަން ކުރާނީ ހުރިހާ ރައްޔިތުންގެވެސް ބައިވެރިވުމާއިއެކުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ މުއިއްޒު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުންދިންނަށް ހާއްސަކޮށް އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަ ކުރައްވާފައެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވާ، އެތައް ހާސް ވަޒީފާއެއް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަމަށާއި، އެހެން ނަމަވެސް މިހާރު އެކަން ނުހިނގާކަމަށް ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އެ ސިޔާސަތު އަލުން އަނބުރާ އިޔާދަ ކުރާނެކަމަށެވެ. ޑރ މުއިއްޒު ވިދާޅުވީ މުޖުތަމައުއަކީވެސް އެންމެންގެ ހިއްސާ އޮންނަ ތަނަކަށް ހަދާނެކަމަށެވެ.

ދެން ހަމައެއާއިއެކީގައި، ޑައިލިސިސް ހަދާ ފަރާތްތައް ވަރަށް ގިނަ، މާލޭގައި ހުރި ފެސިލިޓީ ރަނގަޅު ކުރާ ވާހަކަ އަޅުގަނޑު އޮންނާނީ ދައްކާފަ.

ޑރ މުއިއްޒު ވިދާޅުވިއެވެ.

އެފަދަ ކުދިންނަށް ކިޔަވައިދޭ ސުކޫލުތައް ރާއްޖޭގައި ވަރަށް މަދުކަމަށާއި، މާލެގައި ހުރި ނަމަވެސް ހިދުމަތް ދިނުމުގައި ދަތިކަން ހުރިއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދިނުމަށް އެންމެ އެކަށީގެންވާ އިސްކަމެއް މި ސަރުކާރުުގެ ސިޔާސަތުތައް ނުދޭކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ވައުދުވެވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ ކުދިންނަށް އެކަށީގެންވާ ތައުލީމާއި، ތަމްރީނު ފޮރުކޮށްދިނުމަށްޓަކައި، ޓީޗަރުން ތަމްރީނުކޮށް، ވަސީލަތްތައް އިތުރު ކުރައްވާނެކަމަށެވެ. ކޮންމެ އަތޮޅެއްގައި މައި އެއް ސުކޫލުގައި މިކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިކަންކަން ހާސިލްކުރުމަށްޓަކައި ސަރުކާރު ބަޖެޓުން މިހާތަނަށް ދީފައިނުވާވަރުގެ، އިސްކަމެއް ދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: