ބ ފުޅަދޫގައި ޓޫރިޒަމް ކުރިއަރުވައިދެއްވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބަށް 8 ދުވަހަށްވެފައިވާއިރު، ޑރ މުއިއްޒު މިހާރު ކެމްޕެއިން ދަތުރުތައް ކުރައްވަމުން ގެންދަވަނީ ބ އަތޮޅަށެވެ. ބ ފުޅަދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ފުުރަތަމަ ބުރުގައި ފުޅަދޫއިން އެމަނިކުފާނަށް ދެއްވި ތާއީދަށް ޝުކުރުދައްނަންވާފައެވެ. އަދި ދެވަނަ ބުރަށް ތާއީދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.
ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދނުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމުން، ރައްޔިތުންނަށް ވަޒީފާގެ ފަހި ފުރުސަތުތައް ހޯދައިދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުން އެދޭ ގޮތަށް، ޓޫރިޒަމް ފުޅާކޮށްދީ، މިކަމަށް މިހާރު އެޅިފައި ހުރި ހުރަސްތައް ހައްލުކޮށްދެއްވާނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ލަފާފުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށެވެ. އެގޮތުން އެއާ ޓެކްސީ ހިދުމަތްދެވޭނެ ގޮތަށް ތަރައްގީ ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ތެލެސީމިއާ ކުދިން ތިބިކަމަށް ފާހަގަކޮށް، ފަރުވާއަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ރައްޔިތަކު ވަނީ ބުނެފައެވެ. އެމަނިކުފާނުގެ ސިޔާސަތުތައް ތަކުރާރު ކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލޭންޓްގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށެވެ. އަދި ޓްރީޓްމަންޓްއަށް ރަނގަޅު ފެންވަރުގެ ހިދުމަތްތައް ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން ސިއްހީ ގޮތުން ބޭނުންވާ އެހެން ހިދުމަތްތައްވެސް ހަރުދަނާކުރައްވާ ތަރައްގީކޮށްދެއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
ތަރައްގީ ގެނައިސް، ރައްޔިތުންގެ ހައްގުތައް ކަށވަރުކޮށްދިނުމުގައި އެމަނިކުފާނަށް ހުރިހާ ރައްޔިތުންވެސް ހަމަހަމަވާނެކަމަށާއި ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

