ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 1 4ވަނަ ދުވަހުގެ ނިޔަލަށް 7.7 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާއެވެ.
ޕީއެސްއައިޕީ ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ބިން ހިއްކުމުގެ މަޝްރޫޢުތަކަށެވެ. އެއީ 1.1 ބިލިއަން ރުފިޔާއެވެ. އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް 1.1 ބިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް 989.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މަގު ހެދުމުގެ މަޝްރޫޢުތަކަށް 975.3 މިލިއަން ރުފިޔާ އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 843.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހަރަދުކޮށްފައިވަނީ 602.1 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 19.7 އިންސައްތައެވެ.

