ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް މިއަދު ބަދަލު ކުރުމާއި އެކު ޕާޓީގެ އާންމު މެމްބަރުންގެ މޫނު މަތީން ފެނިގެން ދިޔައީ ތަފާތު ޝުއޫރެކެވެ. ފަސް އަހަރު ދުވަސް މަގުމަތީ ހޭދަކޮށް، ރައީސް ޔާމީނަށް އިއްވި ހުކުމާއި އެކު އެމަނިކުފާނު ޖަލު ބަންދުގައި ހުންނަން ޖެހުން ގިނަ ބަޔަކު ފާހަގަކުރީ ރިޔާސީ އިންތިހާބަށް އެޅުނު ހިޔަންޏެއްގެ ގޮތުގަ އެވެ. އަދި ޕާޓީން ދެވަނަ ގޮތެއް ހޯދައި، ކެންޑިޑޭޓަކު ނެރެގެން ވެސް ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ނެތްކަމަށް ގިނަ ބަަޔަކު ގަބޫލު ކުރި އެވެ.
އިއްޔެ އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި ނަތީޖާ ޔަގީންވެ، ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ގައުމު ހިންގެވުމާއި ހަވާލުވާނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ފުރަތަމަ މީޑިއާ ސްޓޭޓްމަންޓުގައި ވެސް ގޮވާލީ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށެވެ. އަދި އެމަނިކުފާނުގެ ޝަރީއަތްތައް ކޯޓުގައި ތަށިވެފައިވާތީ، މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރަން އުޅޭކަމަށްް މައުލޫމާތު ލިބުމާއި އެކު ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިއުމަށް ނިކުތެވެ. ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އާންމުންގެ ތެރެއަށް ނުނިކުމެވުނު ނަމަވެސް، ރާޅުގަނޑު ކައިރިން ފެށުނު ލައިންތަކާއި، އެއްވި މީހުންތައް އާޓިފިޝަލް ބީޗާއި ހަމައަށް އޮތެވެ.
ރައީސް ޔާމީން މިނިވަންވާނެކަމުގެ އުންމީދާއި އެކު ހުންނެވި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ”ސަންގު“ އަސް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ދިން އަނިޔާއަށް އިންސާފު ބޭނުންވާ ކަމަށެވެ. މިއަދު ކުރެވވެނީ ތަފާތު އިހުސާސެއް ނަމަވެސް، ބޭނުންވަނީ އެމަނިކުފާނު މައުސޫމް ބޭފުޅެއްގެ ގޮތުގައި ކަނޑައެޅި ސަޕޯޓަރުންނާއި އެކު ގެއަށް ވަޑައިގަތުންކަމަށް ޖަމީލް ވިދާޅުވި އެވެ. ސަރުކާރުން އިންތިހާބު އިިދިކޮޅަށް ގެއްލުވާލުމަށްޓަކައި، ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ މަގުތައް ހޯދީ ދެވަނަ ދައުރެއް ހޯދައި ޕާޓީ ވެސް ގޮތް ހުސްކުރުމަށްކަމަށާއި އެކަމަކު ޕީޕީއެމް/ޕީއެންސީ އޮތީ އެއަށް ވުރެ ގަދަކޮށްކަމަށް ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ރައީސް ޔާމީނަށް ފުރުސަތު ނުދީ، އިންތިހާބު ބޭއްވުމަށް ފަހު ކާމިޔާބު ކުރުމަށެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީން ދެއްކި ކެންޑިޑޭޓާއި އެކު ރައްޔިތުން ނިކުމެ މަރުހަބާ ކީ ދިވެހިންގެ ރާއްޖެއަށްކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިވަގުތު، އެމަނިކުފާނަށް އެންމެ ފުރަތަމަ ވެސް މަރުހަބާ ވިދާޅުވީ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ. އަދި މެޑަމް ފާތުންގެ މޫނު މަތީން ވެސް ފެނިގެން ދިޔައީ އުފާވެރިކަމުގެ ޝުއޫރެވެ.
މީގެއިތުރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒާއި، އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަޑައިގަތެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވި އެވެ.
އިންތިހާބީ ރައީސާއި، ނައިބަށް މަރުހަބާ ކިއުމުގެ ގޮތުން މިރޭ ބާއްވާ ހާއްސަ ޖަލްސާ އޮތީ ރޭގަނޑުގެ 08:30 އާޓިފިޝަލް ބީޗުގަ އެވެ.

