ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ(ޕީސީބީ) ކޯރަމް ހަމަނުވާއިރު ސާކިއުލާއެއް ނެރެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު މަޖިލީހުގެ އެސްއޯއީ ކޮމިޓީއިންވަނީ ޕީސީބީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައެވެ. އަދި މެމްބަރުން ހަމަނުވާކަމާއިމެދު ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާވަނީ ޕީސީބީގެ ބޯޑުގައި ގާނޫނީ ގޮތުން ތިބުމަށް ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ހަމަނުވާކަމާއިމެދު ސުވާލުކޮށްފައެވެ.
އީސާ ވިދާޅުވީ، ޕީސީބީގެ ބޯޑުގައި މިވަގުތު ތިބީ ހަތަރު މެމްބަރުންކަމަށްވާއިރު، ކޯރަމް ހަމަވަނީ ފަސް މެމްބަރުން ތިބެގެންކަމަށެވެ. އެހެންކަމުން އެ ވުޒާރާއިން ދާދި ފަހުން ނެރެފައިވާ ސާކިއުލާ ނެރުމުގެ ގާނޫނީ ހައިސިއްޔަތާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ބޯޑު ބައްދަލުވުމެއް ނުބާއްވާ ސާކިއުލާ ނެރުނު ގޮތާއިމެދު ސުވާލު ކުރުމުން ޕީސީބީގެ ނައިބުރައީސް މުހައްމަދު ފިރާޝް ވިދާޅުވީ އެ ވުޒާރާގެ ދިހަ އަހަރު ވީ ތާރީހުގައި ސާކިއުލާތައް ނެރެމުންދަނީ ދެ ގޮތެއްގެ މަތިންކަމަށެވެ. އޭނާ ވިދާޅުވީ، އެއް ގޮތަކީ ބޯޑު ބައްދަލުވުމަކުން ކަމެއް ނިންމުމަށްފަހު ޕޮލިސީ ލެވެލްއެއްގައި އިއުލާނު ކުރުންކަމަށެވެ. އަދި އަނެއް ގޮތަކީ އެވަގުތު ހިންގަން ހުންނަ އެންމެ އިސް ފަރާތަކުން ހުށައެޅޭ ކަންކަމަށާއި އެވަގުތުގެ މާހައުލަށް ރިއާޔަތްކުރުމަށްފަހު މައްސަލަތަކާއިމެދު ގޮތް ނިންމުންކަމަށެވެ.
އޭނާ ވިދާޅުވީ، ކޯރަމް ނެތި ބޯޑު ބައްދަލުވުމެއް ނުބޭއްވޭނެކަމަށެވެ. ފިރާޝް ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި ގުޅޭ އެންމެ ސެންސިޓިވް މައުލޫމާތު ލިބޭ އެއް ފަރާތަކީ ސެކެޓްރީ ޖެނެރަލްކަމަށެވެ. އެހެންކަމުން އެ ސާކިއުލާ ނެރުނީ އިދާރީ ގޮތުން ސެކެޓްރީ ޖެނެރަލްއާއި މަޝްވަރާކުރުމަށްފަހު ހުށައެޅިފައިވާ ޝަކުވާތަކަށާއި އޭސީސީ ފަދަ މުއައްސަސާތަކުންވެސް އަމަލުކުރަމުންދާ ގޮތަށްވެސް ބެލުމަށްފަހުކަމަށެވެ.
ފިރާޝް ވިދާޅުވީ ސާކިއުލާ އޭނާ ނެރުނީ ތަން ހިންގަން ހުރި އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުންކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން އެ ފުރުސަތު ފަހިވެފައިވާކަމަށް ގަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ހިނގައިދިޔަ ފަސް އަހަރު ދުވަހުވެސް އެގޮތުގެ މަތިން އަމަލުކުރައްވާފައިވާނެކަމަށެވެ.

