އިއްޔެ އިރުއޮއްސުނު ވަގުތު ދިއްދޫ ނެރަށް ލޯންޗެއް އަރައި ޒަހަމްވި މީހުންގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށް އެރަށު ކައުންސިލް ބުނެފިއެވެ.
ދިއްދޫ ކައުންސިލް މެމްބަރު އައިޝަތު ޝަދީލާ ސަންގު ޓީވީ އަށް ވިދާޅުވީ ނެރަށް ލޯންޗް އަރާ އަނިޔާ ލިބުނު މީހުން ވަގުތުން ފަރުވާ ދިނުމަށް އެ ރަށު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ލޯންޗް އެކްސިޑެންޓްގައި އަނިޔާ ލިބުނީ 10 މީހަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެލޯންޗްގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިއްބެވެ. އެ ލޯންޗަކީ ވަށަފަރުން މިހުން ގޮވައިގެން ދިއްދޫ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެކެވެ.
މި ހާދިސާގައި އެ ލޯންޗް އަޑިޔަށް ގޮސްފައިވާއިރު އެރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ ލޯންޗް ނެގުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ފުލުހުން ބުނީ ލޯންޗް އަޑިޔަށް ގޮސްފައިވަނީ އިއްޔެ އިރު އޮއްސި 7:30 އެހާކަށްހާއިރުކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދުވައްވަމުން އައީ ދެ ލޯންޗެއް ކަމަށާއި، ފުރަތަމަވަންނަން އައި ލޯންޗް ވަދެގެންދިއުމާއެކު ފަހަތުން އައި ލޯންޗް ވަންނަން ދިމާކުރިތަނުން ނެރުކަމަށް ހީކޮށް ހިލަތަކުގެ މައްޗަށް އަރައިގެން ދިޔައީ ކަމަށެވެ.

