ދިވެހި ބަހުގެ އެކެޑެމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާއާއި ގުޅޭ ގޮތުން މައުލޫމާތުދިނުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މުސްތަގިއްލު މަސައްކަތްތައް ކުރާ ދިވެހި ބަހުގެ އެކެޑަމީފަދަ މުއައްސަސާތަކާއި ބައްދަލުކުރާއިރު ސިޔާސީ ނުފޫޒުގެ ސަބަބުން މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ބަޖެޓާއި، އިންސާނީ ވަސީލަތްތަކުގެ ދަތިކަންވެސް މުއައްސަސާތަކަށް އެބަހުރިކަަމަށާއި، އެހެންކަމުން އިލްމީ އަދި ފަންނީ މަސައްކަތްތަކަށް ދަތިވަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކެޑެމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައެއް ނުވާނެ. އެކެޑެމީ ހިނގަމުން އައިސްފައިވާނީ ޤާނޫނީ ވެރީންގެ ދަށުން. ސިޔާސީ ވެރިއެއް ނުވެސް ހުންނާނެ. ނަމަވެސް އެކެޑެމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައި. 1/2 https://t.co/hIXKHGG2ZC
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) October 15, 2023
މިކަމާއި ގުޅިގެން ޔުމްނާ ވިދާޅުވީ އެކެޑެމީ ހިނގަމުން އައިސްފައިވާނީ ޤާނޫނީ ވެރީންގެ ދަށުންކަމަށާއި، ސިޔާސީ ވެރިއެއް ނުވެސް ހުންނާނެކަމަށެވެ.
ނަމަވެސް އެކެޑެމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައިކަމަށް ޔުމްނާ ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ ޖަވާބު ދާރީ ވާންޖެހޭ ވަޒީރަކީ އޭނާ ކަމުން އެކެޑެމީގެ ކަންކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ.
ފިރުޒުލްގެ ވާހަކައިގައި މިފަދަ މުއައްސަސާތަކަށް ބޭނުންވާ ބަޖެޓުގެ ދަތިކަން ހުރިކަމާއި، އަދި އިންސާނީ ވަސީލަތްތައް ނުލިބޭކަމަށް ވިދާޅުވެފައިވާތީ، ފައިސާގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ ބެއްލެވުމުގެ ދަށުން ކަމަށް ދެކޭކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

