ނޮވެމްބަރު 17 ގައި ހުވާކުރައްވާ އާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައި ކުރާ ކޮންމެ ކަމަކަށް ދެލޯ މަރާލާއިގެން ނުތިބޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ 2023 ގައި ޑރ. މުއިއްޒަށް ރައްޔިތުން ދެއްވި ވޯޓަކީ ހަމައެކަނި މުއިއްޒަށް ދެއްވި ވޯޓެއްނޫން ކަމަށެވެ. ކޮންމެފަހަރަކުވެސް ރައްޔިތުން ރައީސަކު ހޮވުމަަށް ދެއްވާ ވޯޓަކީ ބަދަލަކަށް ދެއްވާ ވޯޓެއް ކަމަށާއި، އެކަން އިންތިހާބުގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ރައްޔިތުން ދެއްވި ވޯޓަކީ ރައީސް ޔާމީނަށް ތާއިދު ކުރާ ފަރާތްތަކުން ދެއްވި ވޯޓް ކަމަށާއި، އަދި ލިބުނު ވޯޓަކީ ރައީސް ސޯލިހުގެ ކޮރަޕްޝަނާއި، އިންސާފުވެރިކަމެއް ނެތް ކަމަށް ދެއްވާފައިވާ ވޯޓްތައް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ހަމަހަމަކަމެއް ނެތުންފަދަ ކަންކަމަށް ވެސް، ރައްޔިތުން ވޯޓް ދެއްވިކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ޑރ. މުއިއްޒުގެ ވެރިކަމުގެ ދައުރުގައި ކަންކަންގޯސްކޮށް ހިނގަމުންދާ ކަމަށްވާނަމަ ބަލަން ނުތިބޭނެ ކަމަށާއި، ރާއްޖެ ހަމަމަގަށް އެޅުވުމަށް މަސައްކަތް ތާއަބަދު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
”އަޅުގަނޑު މި ދަންނަވަނީ އެއްބާރުލުން ނުދޭނެ ވާހަކައެއްނޫން. ރައްޔިތުން ނުކުމެ ވޯޓެއްލީމާ މާދަން ނުކުމެ ރައީސް ނަޝީދަށް ހަދާހެން އިތުބާރު ނެތް ކަމުގެ ވޯޓެއްނެގުން ރަނގަޅެއްނޫން. އެންމެން އެކައްޗެއްކިޔާވެސް އެބައޮތް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ހުވާކުރުމުގެ އަނެއްދުހު ނެގެން. އެކަމަކު އެފަދަ ކަންތައްތަަކަކީ ކުރުން ރަނގަޅު ކަމެއް ތޯ ސުވާލު އުފެދޭ“ އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިހާރު އެމްޑީޕީތެރޭން ފެންނަނީ ޑރ. މުއިއްޒު ހުވާކުރާތަނުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެފަދަ އަމަލުތައް ކަމަށެވެ. އެފަދަ ކަމެއް އެމްޑީޕީން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ މިހާރުވެސް މި ހިނގާ ދައުރުގެ ތެރޭގައި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ދެ ފަހަރަކަށް މަޖިލީހަށް ހުށައަޅާފައިވާތީ ގަބޫލުކުރެވޭ ގޮތެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އެކަންތައްތަކަކީ އެމްޑީޕީއަށްފަރިތަ ކަންކަންކަމަށާއި، އެފަދަ އަމަލުތައް އެމްޑީޕީން ކުރިނަމަވެސް ޑިމޮކްރޭޓޫން ނުކުރައްވާނެ ކަމަށެވެ. އިންތިހާބީ ރައީސަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ޒިންމާދާރު ވެރިކަމެއް ކުރުމަށް އެއްބާރުލުންދީ ބަސްބުނެވޭ ބައެއްގެ ގޮތުގައި ޑިމޮކްރޭޓުން ތިބޭނެ ކަމަށެވެ.
”އެއްބާރުލުން ދޭނަން. އެކަމަކު އެއްބާރުލުން ދިނުމަކީ ދެލޯ މަރާލާއިގެން ތިބުންނޫން. ކުރާ ކޮންމެ ކަމެއް ވިދާޅުވާ ކޮންމެ ކަމެއް ކޮންމެ ބަހެއްް އެއީކީ ހަނގީގަތެއް ދެތުކަމަށް ގަބޫލު ކުރުމަކީ ޑިމޮކްރޭޓްގެ އުސޫލެއްނޫން“ އާޒިމް ވިދާޚުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ކޮޅުގައި އިތުބާރު ނެގުމަށް ވޯޓެއް ލައްވަން ވިސްނިނަމަވެސް އެކަމަށް އެއްބާރުލެއްވުންދެވޭނީ، މި ރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށެވެ.
ދަ. ޑިމޮކްރޭޓްސް ޕާޓީ އަކީ އެންމެ ފަހުން ވުޖޫދުވި ޕާޓީއެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެޕާޓީގައި އަަށް ވަނީ ބޮޑު ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ވާދަކުރައްވާ އެޕާޓީއަށްވަނީ 15000 ވޯޓް ލިބިފައެވެ. އަދި މިހާރު އެޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 6000 މެމްބަރުން ކަމަށްވެސް އެޕާޓީން ބުނެފަވެއެވެ.

