ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިއުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހުށައަޅުއްވާފައިވާ އިންތިހާބުތަކުގައި ސަރުކާރުން ނަޖާއިޒު ނުފޫޒާއި، ބާރު ފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި، މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒްކޮށް މަގުފަހިކުރުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ އެއްވެސް ލިޔެކިއުމެއް ނައްތާލުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.
ދެން އަންނަ ސަރުކާރުން ކަމެއް ބަލަންޖެހިއްޖެ ހާލަތެއްގައި އެ ލިޔެކިޔުންތައް ފެންނަ ހުރުން މުހިންމުކަމަށް އިލްޔާސް ވިދާޅުވިއެވެ. ސަރުކާރުގެ ލިޔުންތަކަކީ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ރައްކާތެެރި ކުރަން ޖެހޭ ލިއުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުންފުނި އިތުރަށް ކުރިއަރުވަން ކުރީގެ ޑޮކިއުމަންޓްސްތަކަށް ރިފަރެންސް ވެސް ހަދަން ބޭނުންވަ ގަޑީގައި އެ ރިފަރެންސް ހަދަންވެސް އެ ޑޮކިއުމަންޓްތައް ހުންނަން ޖެހޭނެ. މި ވަގުތު އެ ޓްރާންސިޝަނަލް ޕީރިއަޑްގައި އެކަން ކުރަން ފެށީމަ އަޅުގަނޑު މެންނަށް އެބަ ސާފުވޭ ގަބޫލު ކުރެވޭނެ ސަބަބުތަކެއް އެބަހުރި. ކޮންމެވެސް ގޯސްތަކެއް ހަދާފަ އޮތީކަން.
އިލްޔާސް ވިދާޅުވިއެވެ.
އެފްއެސްއެމްގެ ލިޔެކިއުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައިގެން ނައްތާލަމުންދާ ވީޑިއޯ އާންމުކުރި މުވައްޒަފު މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އޭނާ ވަނީ މީޑިއާތަކަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.

