މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗްރަލް ޒޯން އެއް ކަނޑައަޅަން ނިންމައިފިއެވެ.
މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވައިފާފައެވެ.
ރައިސް އޮފީހުން ބުނެފައިވަނީ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ވަޒީރުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ޤަވާޢިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަމަށްވާތީ ކަމަށެވެ. އަދި މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން، އަދި މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑުކުރުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބި ފަތުރުވެރިކަމުގެ އައު ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިޤްތިޞާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ހިމެނޭކަމަށްވެސް ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި ހިމެނެނީ:
1. މާލޭ ހުކުރު މިސްކިތް
2. މެދުޒިޔާރަތް މުލީއާގެ
3. ދަރުމަވަންތަ ރަސްގެފާނު މިސްކިތް
4. އުސްގެކޮޅު
5. ކަޅުވަކަރު މިސްކިތް
6. ބަންޑާރަ ކޮށި
7. އިހުގެ ނާދީ އިމާރާތް
8. ދާރުލް ޢުލޫމް
10. ޖުމްހޫރީ މައިދާން
މާލޭގެ ދުވަސްވީ ތަރީޚާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަޙައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތަޢާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާޢިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

