2024 ވަނަ އަހަރުގެ އިގްތިސާދީ ދުވެލި ވޭތުވެދިޔަ އަހަރުތަކަށްވުރެ ދަށްވާނެކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.
ފިނޭންސްއިން ހިއްސާކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ 2024 ވަނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތަކުގައިވާގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި 5.5 އިންސައްތައިން ކުރިއަރައިގެންދާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް މި އަހަރަކީ ވޭތުވެދިޔަ އަހަރުތަކާއި އަޅާ ބަލާއިރު، އިގްތިސާދީ ދުވެލި ދަށްވެފައިވާ އަހަރެއްކަމަށް ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ބުނެފައިވާގޮތުން، އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ފަތުރުވެރިކަމާއި ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާއަށް އަންނަ ކުރިއެރުންތަކުންނެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޔޫރަޕު މާކެޓުން އަންނަ ފަތުރުވެރިން ގިނަވެގެންދިޔަ ގޮތަށް 2024 ވަނަ އަހަރު ގިނަވެގެންދާނެކަމަށް ލަފާނުކުރެވޭތީ ފަތުރުވެރިކަމުގެ ސަބަބުން ޖީޑީޕީއަށް އަންނަ ކުރިއެރުން ދަށްވާނެކަމަށް ލަފާކުރެވެއެވެ.
2023 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ 8.7 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އެއީ ދިގު މުއްދަތުގައި އިގްތިސާދު ކުރިއަރާނެ ވަރަށްވުރެ މަތީ މިންވަރެއްކަމަށާއި އައު އެއަރޕޯޓު ހުޅުވުން އަދި އެކަމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކަށް ރިއާޔަތްކުރުމުން މެދުރާސްތާގައި އިގްތިސާދީ ދުވެލި 6.7ގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

