އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން ލުއިތަކުގެ އިގުރާރާ ހިލާފުވެފައިވާތީ އިންޒާރު ދީފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިފަހުން ވެސް އެމަނިކުފާނު އާންމުންނާއި ބައްދަލުވެވޭހެން ބައެއް ކަންކަން ކުރެއްވި އެވެ. އޭގެ ތެރޭގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އާންމު މެމްބަރުން އެއްވުމުން ކޮޑަދޮރު ކައިރިއަށް ނިކުންނެވުން ހިމެނެ އެވެ. އަދި އޭގެ ފަހުން 30 މިނެޓުގެ ތަގުރީރެއް ވެސް ދެއްވި އެވެ. އަދި އެ މަންޒަރާއި އަޑުތައް ވީޑިއޯ ކުރުމަށް ފަހު ސޯޝަލް މިޑިއާގައި ސަޕޯޓަރުން އާންމު ކުރި އެވެ.
އޭގެ ދުވަސްތަކެއް ފަހުން ރައީސް ޔާމިން އަނެއްކާވެސް އާންމުންގެ ތެރެއަށް ނިކުންނެވީ، ރަށު ބަންދަށް ބަދަލު ކުރިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެކަމަކު އެ ވާހަކަތައް ދޮގުކޮށް ކަރެކްޝަނުން ބުނީ ރައީސް ޔާމީނަށް ލުއިދިނީ ޑޮކްޓަރަށް ދެއްކުމަށް އެކަނި ކަމަށެވެ. އަދި ގާނޫނީ ބޭފުޅުން ވެސް ވަނީ، ރަށު ބަންދު ލަފްޒަކީ ގާނޫނު ދަންނަކަމެއް ނޫންކަން ފާހަގަކޮށްފަ އެވެ.
ރައީސް ޔާމީން މީގެ އެއް ދެ ރޭ ކުރިން ޕީޕިއެމްގެ އޮފީހަށް ވަޑައިގެންނެވި އެވެ. އަދި ޖެހިގެން އައި ރޭ ޕޯޑިއަމްގައި ވާހަކަ ދެއްކެވިއިރު އެކަމުގެ ދައުވަތު ނޫސްވެރިންނަށް ވެސް ލިބުނީ ”ރައީސް ޔާމިން ބައިވެރިވާ ޖަގަހަ ޖަލްސާއެއް“ ގެ ގޮތުގަ އެވެ. އެރޭގެ ވާހަކަފުޅު ވެސް ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔައިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފަށް ރައީސް ޔާމީން އަމަލު ކުރައްވާތީ މީޑިއާތަކުން ވެސް ސުވާލު ކުރި އެވެ. އެ މައްސަލައިގައި މިއަދާއި ހަމައަށް ވެސް އެއްވެސް ޖަވާބެއް ނުދީ ތިއްބެވުމަށް ފަހު މިއަދު ކަރެކްޝަނުން ”ސަންގު“ އަށް ވިދާޅުވީ އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުން ދާކަން ފާހަގަކުރެވޭތީ އިގުރާރާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ޔާމީނަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެ އަމަލު ތަކުރާރު ކުރައްވައިފި ނަމަ އިގުރާރު ބާތިލު ކުރާނެކަމުގެ ފަހުގެ އެންގުން އަންގާފައިވާކަމަށް ވެސް ބުންޏެވެ.
ކަރެކްޝަނުން ރައީސް ޔާމީނަށް ފަހުގެ އިންޒާރު ދިންކަމަށް ބުނިއިރު، އެމަނިކުފާނު ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްއަށް ވަޑައިގެން ޖަލްސާއެއްގައި ބައިވެރިވުމަށް ނިންމާފައިވާކަން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައީސް ޔާމީން ގެންނެވި އިސްލާހުތަކުގެ ތެރޭގައި ޖަލު ހުކުމް ތަންފީޒު ކުރައްވާ ބޭފުޅުންގެ އަޑާއި މަންޒަރުތައް ޓީވީތަކުން ބްރޯޑްކާސްޓު ކުރުން މަނާކުރުން ހިމެނެ އެވެ. އޭރު އެ އިސްލާހު ގެނައީ ރައީސް މުހައްމަދު ނަޝީދު 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ލަންކާގައި ހުންނަވައި ކުރައްވަމުން ގެންދަވާތީ އެވެ. އަދި އެމްޑީޕީގެ ހަރުގެ ބައްދަލުވުންތަކުގައި، އެ ވީޑިއޯތައް ދައްކާނަމަ ޓީވީތަކުން ބްރޯޑްކާސްޓު ނުކުރެވޭނެކަމަށް އޮތީ އަންގާފަ އެވެ.

