ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދާތީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް ނިންމާފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އިތުބބާރު ނެތްކަމުގެ ވޯޓު މިދިޔަ ހަފްތާގެ އާދީއްތައަށް ތާވަލު ކުރިނަމަވެސް، ޖަލްސާ ކުރިޔަށް ނުގެންދެވި ކެންސަލް ކުރަން ޖެހުނީ ރިޔާސަތު ބެލެހައްޓަވާނެ ބޭފުޅެއް ނެތުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫއަށް ޕޮޒިޓިވް ވުމުން މި ހަފްތާ އެއްކޮށް ހުންނެވީ ސަލާމުގަ އެވެ. އީވާ ނެތި ޖަލްސާ ކުރިޔަށް ނުގެންދެވޭނެކަމުގެ ލަފާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ އެމްޑީޕީގެ ޕީޖީއަށް ލިއުމުން އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އަންގަވާފަ އެވެ.
އެ ސަބަބު ގަބޫލު ކުރުމަށް ދެކޮޅު ހަދައި އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމާފައިވާ ނިންމުން އެއީ ގާނޫނާ ހިލާފު ނިންމެވުމަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް ވެސް މައްސަލައިގައި ވެއެވެ.
އެހެންވެ އެ މައްސަލަ ކޯޓުން ބަލައިގަތުމުން، ޑިމޮކްރެޓްސް ވެސް ވަނީ ތަދައްހުލްވުމަށް އެދިފަ އެވެ. އަދި ޕީޕީއެމް ވެސް މިހާރު ވަނީ އެ ހުށަހެޅުން ހުށަހަޅާފަ އެވެ.

