”އައްޒާ އެދި ގޮވަނީ“ ނަމުގައި މިރޭ މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. މި ހިނގާލުން ބާއްވަނީ ރަސްފަންނު ސަރަހައްދުން ފެށިގެންނެވެ. މިއީ ރައިޓް މޫވްމަންޓްއާއި ޚިދުމަތް ޖަމިއްޔާ އަދި މަދަނީ ގިނަ ޖަމްއިއްޔާތައް ގުޅިގެން ”ރާއްޖެ ފަލަސްޠީނާއިއެކު“މި ނަމުގައި ބާއްވާ އިވެންޓެކެވެ.
މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ޞަރަހައްދުގައި އޮންނަ ސައިކަލު ބުރަކުން ކަމަށާއި، ހަރަކާތް ކުރިއަށްދަނީ ރޭގަނޑު 8.00 ގައި ކަމަށްވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.
ރަސްފަންނުން ފައްޓާ ގޮތަށް ސައިކަލް ބުރު ނިންމާލަނީ އާޓިފަޝަލް ބީޗަށް ކަމަށާއި، ހިނގާފައި، ހިނގާލުމުގައި ބައިވެރިވާ ބޭފުޅުން ވަޑައިގަންނަވާނީ އަރޓިފިޝަލްބީޗް އަށް ރޭގަނޑު 9.00 އަށް ކަމަށްވެސް ބުނެފައިވެއެވެ.
އިއްޔެވެސް މާލޭގައިވަނީ އަންހެނުންގެ ހިނގާލުމެއް ބާއްވާފައެވެ. އެގޮތުން އެ ހިނގާލުމަކީ އިސްރާ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ދިޔަ ހަރަކާތަކެވެ. އެ ހިނގާލުމުގެ ބައިވެރިން ހަރަކާތް ކުރިޔަށް ގެންދިޔައީ ފަލަސްތީނުގެ ތުއްތު ކުދިން ޝަހީދުވެފައިވާ މަންޒަރު ދައްކުވައި ދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެނެވެ. އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ގިނައަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ.
އެގޮތުން އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާ ހުއްޓާލުމުގެ ވިސްނުމުގެ ކޮޅުމައްޗެއް ނުފެންނައިރު، މި ހަނގުރާމައިގައި މިހާރު ފަލަސްތީނުގެ ޖުމްލަ ދިހަހާހާއި ގާތް ކުރާ އަދަދަށް މީހުން އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައެވެ.

