ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިޔަށް ނުގެންދިއުމަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ސަބަބެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.
މިދިޔަ ދެ ހަފްތާއެއްގައި މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ނުކުރެއްވިއްޖެ ނަމަ މަޖިލީހުގެ އިތުރު މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށާއި، އިންތިހާބީ ރައީސްގެ ހުވާ ވެސް ގަބޫލު ނުކުރުމަށް އެމްޑީޕީން ނިންމި ނިންމުމަށެވެ. އަދި އެ ނިންމުން ތަފްސީލުކޮށް އެމްޑީޕީން ބުނެފައި ވަނީ، މަޖިލީހުގެ ގަވައިދުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އެހެން އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން، އިތުބާރު ނެތް ރައީސެއްގެ ހާޒިރުގައި ކުރެވޭ ހުވާއެއް އެއީ ގާނޫނީ ހުވައެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީން ބުންޏެވެ.
އެކި ފަހަރު މަތީން ވެސް އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ކުރިޔަށް ގެންދިފައި ނުވަނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ސިއްހީ ހާލަތު ތަން ނުދޭތީ ސަލާމް ފޮނުވުމުގެ ސަބަބުންނެވެ. އެމްޑީޕީން ބުނެފައި ވަނީ އެއީ ގަބޫލު ކުރެވޭ ސަބަބެއް ނޫންކަމަށާއި، އީވާ ނެތި ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
އެކަމަކު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވީ، ރިޔާސަތުގައި ހުންނަވަން ޖެހޭނީ އީވާ ކަމަށެވެ. އެ މައްސަލަ ބޮޑުވެ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ އީވާ ނެތި ވެސް ޖަލްސާ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
އިންތިހާބީ ރައީސްގެ ހުވާ ގަބޫލު ނުކުރާނެކަމަށް އެމްޑީޕީން ނެގި ނުކުތާއަށް ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ލާޒިމު ކުރާ އެއްވެސް ކަމަކަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށެވެ.
އެގޮތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ވާގޮތަށް ނޯޓިސް ދީ މުއްދަތު ހަމަވުމުން ވޯޓު ނެގުން ތާވަލު ކުރަން ޖެހޭނެ ކަމަށެވެ. މި ގަރާރު އޮއްވައި އިތުރު އެހެން ކަމަކަށް ބަހުސް ކުރެވިގެން ނުވާނެކަމަށާއި، އެއީ މަޖިލީހުގެ މައްޗަށް ލާޒިމު ކުރާ އިޖުރާއަތެއްކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.
އެހެން ނަމަވެސް ގާނޫނު އަސާސީން ލާޒިމުކަމެއް ކުރުމަށް މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއަކުން ހުރަހެއް ނޭޅޭނެކަމަށާއި، ދައުލަތުގެ އެއްވެސް އޮފިޝަލަކަށް ވެސް އެފަދަ ބާރެއް ލިބިގެން ނުވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެއާއި އެކު ބަޖެޓުގެ މަސައްކަތް ނުވަތަ ވަޒީރުންނަށް ރުހުން ދިނުން ވެސް ހުއްޓިގެން ނުވަނެކަމަށާއި، މިއީ ސީދާ ގާނޫނު އަސާސީގެ ވަކި މާއްދާތަކުން ލާޒިމު ކުރާކަމެއްކަން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވި އެވެ.
އެ ނުކުތާއަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މަޖިލީހުގެ އެހެން މަސައްކަތްތައް ހުއްޓާލަން ޖެހޭ ގޮތަށް ގަވައިދު މަނާ ނުކުރެވޭނެ ކަމަށެވެ. އަދި އެއީ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެއްވެސް ގޮތަކަށް ކުރިޔަށް ނުގެންދިޔަސް އުފެދިގެން ވާނެ ހާލަތެއް ނޫންކަމަށް ވިދާޅުވި އެވެ.
ހުސްނުއްސުއޫދު ވިދާޅުވީ މަޖިލިސް ހުއްޓޭގޮތަށް ގާނޫނު މަނާކުރުމަކީ، ގާނޫނު އަސާސީ ތަސައްވުރު ކުރާކަމެއް ނޫން ކަމަށެވެ. އަދި އައު ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަގު ތަނަވަސް ކުރުން މުޅި ދައުލަތުގެ މައްޗަށް ލާޒިމް ކުރާކަމަށާއި، މަޖިލީހުގެ ގަވައިދު ބަޔާން ކުރާ ކަމަކާއި ހުރެ ގާނޫނުއަސާސީން ލާޒިމް ކުރާ އެއްވެސް ކަމެއް ނުކޮށް ތިބުމުގެ އިހުތިޔާރެއް ނެތްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުން ގަބޫލު ނުކުރާނެކަމަށާއި، ކެބިނެޓަށް ނޯ ޖަހާނެކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މީޑިއަތަކަށް ހާމަކުރީ މިދިޔަ މަހު 25 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެދުވަހު މީޑިއާތަކާ ބައްދަލު ކުރައްވައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ދުރު ކުރުމަށް ނަގާ ވޯޓު ކުރިޔަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އިންތިހާބީ ރައީސްގެ ހުވައި ގަބޫލު ނުކުރާނެކަމަށް އަސްލަމް ވިދާޅުވި އެވެ.
އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތުގެ މަތީން ހުވައި ކުރައްވައިގެން ހުންނެވި ރައީސެއްކަމަށް ނުބަލާނަން
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅެއް މަގާމުގެ ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

