ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ޕްރޮޖެކްޓު މަޑުޖެހުމުން، ފަތުރުވެރިކަމާއި އިގްތިސާދަށް ގެއްލުން ވި: ފައިސަލް

ފައިސަލް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުއަށް ސަމާލުކަމެއް ނުދީ، މަޑުޖައްސާލަފައި އޮތުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށް ޕީޕީއެމްގެ ސެނެޓް މެމްބަރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި އެ މަޝްރޫއު މި ސަރުކާރަށް ނިންމާނުލެވުނު އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ.

ރާއްޖޭގެ މައި ދޮރާށިއަކީ އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް ލިބެން އޮތްތަނެއް ނަމަވެސް އޭގެ ބޭނުން ނުހިފި އޮތުމުން މުއިއްޒު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޕީކް ސީޒަނުގެ ކުރިޔަށް އައު ޓާމިނަލްގެ ހިދުމަތްތައް ފެށުން ކަމަށެވެ. އަދި މިހާރު ނުނިމު ހުރި ބައިތައް ވެސް އެ ތާރީހަށް އެއްކޮށް ނިންމާލައި ވަކި ބައިތަކަށް ބަހާލައިގެން ހުޅުވާނެކަމަށް ވިދާޅުވި އެވެ.

މުއިއްޒު މި ހަފްތާގައި ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާގައި ވީއައިއޭގެ ތަރައްގީގެ މަޝްރޫއުއަށް ބޭނުންވާ 80 މިލިއަން ޑޮލަރު ވެސް ވަނީ ހަމަޖެހިފަ އެވެ. އެކި ބައްދަލުވުންތަކާއި، އިވެންޓުތަކުގައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެއާޕޯޓުން ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ އެތައް މަންފާއެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ވީއައިއޭގެ މަންފާ ނުނެގި އޮތުމަކީ ކަންބޮޑުވުމެއް ތޯ ސުވާލު ކުރުމުން ސަންގުޓީވީގެ ”2023 ގެ ރައީސް“ ޕްރޮގްރާމުގައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދުގެ މައި ދޮރާށިއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ވީއައިއޭއަށް އެކަށީގެންވާ ތަރައްގީ އައިސްފައި ނުވުމާއި، ރައީސް ޔާމީންގެ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓު ކުރިޔަށް ނުގެންދެވުން ފައިސަލް ސިފަ ކުރެއްވީ އިގްތިސާދު ވަރަށް ބޮޑަށް ފަހަތަށް ޖައްސާލި ސަބަބެއްގެ ގޮތުގަ އެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ، ފަތުރުވެރިކަމުގެ ސިނާއަތަށްވެފައި އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުން މުހިންމު ކަމަށެވެ.

މިހާރުގެ އަދަދުތަކަށް ބަލާއިރު، އަހަރަކު ރާއްޖެއަށް ގާތްގަނޑަކަށް 1.9 މިލިއަން ފަތުރުވެރިން އަންނައިރު ދާއިރާ މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް އެއާޕޯޓުގެ ޕްރޮޖެކްޓު އެއްކޮށް ނިންމުން ވަރަށް މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

ވަރަށް ބޮޑު މަޑުޖެހުމެއް، އެއާޕޯޓު.. ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑުބައި، ޖުމްލަ އިގްތިސާދުގެ ބޮޑުބައި މި ހިއްސާ ކުރަނީ ޓޫރިޒަމް.. އަޅުގަނޑުމެންނަށް އަހަރަކު ފަތުރުވެރިންގެ އެރައިވަލްތައް މިއުޅެނީ 1.9 މިލިއަންގަ.. އެހެންވީމަ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންދާކަމަށް ވާނަމަ، އެއާޕޯޓު ޕްރޮޖެކްޓަކީ، އެކްޓެންޝަން ޕްރޮޖެކްޓަކީ ނިމެން ޖެހޭކަމެއް..

ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ހާއްސަ އިސްކަމެއް ދިން، މި ޕްރޮޖެކްޓުގެ އެންމެ ބޮޑު އަމާޒަކީ އެއްވެސް ދަތިތަކަކާއި ދިމާ ނުވެ، ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ގެނައުން ކަމަށެވެ. އެކަމަކު ބޭރުގެ އެކި މާލީ އިދާރާތަކުގެ ފަންޑުތަކުގެ އެހީގެ އެ މަޝްރޫއަށް މި ސަރުކާރުން އެއްވެސް މިންވަރަކަށް އަހައްމިއްޔަތުކަން ނުދިނުމަކީ ކަންބޮޑުވުމެއްކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ސީޕްލޭން ޓާމިނަލް ވެސް އޮޕަރޭޝަންއާއި ހަމައަށް ގެނެވުނީ ވެސް ނިމުނުތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި އާ ރަންވޭ ބޭނުން ނުކޮށް ދައުރުގެ ބޮޑުބައެއް ހޭދަ ކުރުމަކީ އެއީ ކުރި ޖެއްސުމެއްކަމަށް އޭނާ ސިފަކުރެއްވި އެވެ.

މިހުރިހާ ކަމެއް ވެސް ގުޅިފައި މި ހުންނަނީ، ރެވެނިއުއާ.. ގައުމަށް ލިބޭ އާމްދަނީއާ.. އެހެންވީމަ އެއާޕޯޓު ޕްރޮޖެކްޓު އެހެން މަޑުޖެހިފައި އޮތުމަކީ އެއީ އަޅުގަނޑުމެންގެ ތަރައްގީގެ ދުވެލި އެތައް އަހަރެއް މަޑުޖެހިގެން ދިއުން..

ގައުމުގެ އިގްތިސާދާ ގުޅުން ހުރި ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ، ލިބޭ އާމްދަނީއަކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ ހިދުމަތް ފުޅާ ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ވަޒީފާތައް ފުރުސަތުތައް ފަހިވުމާއި އެކު ލިބޭ މަންފާ އެތައް ގުނައަކަށް އިތުރުވާނެކަމަށް ފައިސަލް ވިދާޅުވި އެވެ.

ތަކުރާރުކޮށް ފައިސަލް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތުމަކީ އިގްތިސާދަށް ލިބުނު ގެއްލުމެއް ކަމަށެވެ. އަދި އެކަން ގުޅިފައި ވަނީ ފައިސަލް ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ނާގާބިލުކަމާ އެވެ.

ފައިސަލް ވިދާޅުވީ މުއިއްޒުގެ ސަރުކާރުގައި އެއާޕޯޓުގެ މަޝްރޫއު ކުރިޔަށް ގެންދެވޭނެ ގޮތުގެ ތަފްސީލު ވެސް ދެއްވާފައިވާކަމަށާއި، އެންމެ ފަހުން ހަމަޖެހިގެން ދިޔަ އެކަމަށް ބޭނުންވާ ފައިސާގެ ކަންކަން ވެސް ރައްޔިތުންނަށް ސާފުކޮށްދެއްވި ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ފުރިހަމަ އިތުބާރާއި، ޔަގީންކަން އެބައޮތްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ކުރިޔަށް އޮތް ފަސް އަހަރުގައި އިންގިލާބީ ބަދަލެއް އަންނާނެކަމަށް ފައިސަލް ވިދާޅުވި އެވެ.

ދާދިފަހުން އޮތް ޖީއެމް ފޯރަމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރާއިރު ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން މުހިންމުކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ވީއައިއޭއަކީ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތް ދޭތަނަކަށް ވުން ކަމަށެވެ. އަދި ތަނުގެ ޖާގަ ބޮޑު ކުރުމާއި އެކު ޑިއުޓީ ފްރީތައް ފުޅާ ކުރުމަށް ބޭނުންވާކަމަށް ވެސް ވިދާޅުވި އެވެ. މަޝްރޫއުގެ ހުރިހާ ބައެއް އެއްކޮށް ނުނިމުނު ނަމަވެސް، މުއިއްޒު ވިދާޅުވީ ނިމޭ ވަރަކުން ބައިބަޔަށް ބަހާލައިގެން ވެސް ހިދުމަތް ދިނުމަށް އެ ތަނެއް ހުޅުވޭނެ ކަމަށެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއްގެ ދަށުން ކުރިޔަށް ގެންދިޔަ އެއާޕޯޓު މަޝްރޫއުގައި އެންމެ ހާއްސަކަމެއް ދީފައިވަނީ އިންޓަނޭޝަނަލް ޓާމިނަލް އަދި ސީޕްލޭން ޓާމިނަލްއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: