ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އަށް ވަނަ ރައީސް، ޑރ މުހައްމަދު މުއިއްޒު: ހިތްތިރި އޯގާތެރި ލީޑަރެއް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

1978 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ދިވެހި ފަސްގަނޑަށް އުފަންވި ޑރ މުހައްމަދު މުއިއްޒުއަކީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބުކުރި އައު ރައީސުލްޖުމުހޫރިއްޔާއެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި ސަރުކާރުގައި އެކި ހައިސިއްޔަތުތަކުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މީހެކެވެ.

އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވަނިިކޮށެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ ރާއްޖޭގެ ހައުސިންގް މިނިސްޓަރުކަމުގެ މަގާމުގައެވެ. އެ ދައުރުގައި ކުރެވިފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ ބޭރު މަގުގައި ތާރަ އެޅުން، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތަކާއި ހުޅުމާލޭގެ ދެވަނަ ފިޔަވެއްސާއި ހިޔާ ފްލެޓުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމު ކާމިޔާބުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ބައިބޯ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އޭރު ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ރޭހުން ބަލިކުރެއްވުމަށްފަހުއެވެ. އެމަނިކުފާނު ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައެވެ.

2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް ހުވާކުރެއްވުމަށް ކަނޑައެޅިފައިވާ ޑރ މުހައްމަދު މުއިއްޒުވަނީ ސްޓްރަކްޗަރަލް އިންޖިނީރިންގް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އެމަނިކުފާނު އެ ދުވަސްތައް ހޭދަކުރެއްވީ ލަންޑަން ޔުނިވާސިޓީގައިކަމަށްވާއިރު، ލީޑްސް ޔުނިވާސިޓީ މެދުވެރިކޮށް އެމަނިކުފާނުވަނީ ސިވިލް އިންޖިނީރިންގް އިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އެމަނިކުފާނުގެ ޕީއެޗްޑީ ލިބިވަޑައިގަތީ 2009 ވަނަ އަހަރުގައެވެ.

ޑރ މުއިއްޒު ދިވެހިންގެ ތެރޭގައި ފާހަގަކުރެވިގެންދިޔައީ 2012 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައުސިންގް މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގަތުމާއިއެކުގައެވެ. ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރު ހުންނެވުމަށްފަހު، ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައިގަތްއިރުވެސް ޑރ މުއިއްޒުއަށް އެ މަގާމުގައި ދެމިހުންނެވުމަށް ފުރުސަތު ލިބިވަޑައިގަތެވެ. މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވައިރަމެންޓުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗާއަށް ނަން ބަދަލުކުރީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

ރާއްޖޭގެ ސިޔާސީ އަދި ހިންގުންތެރިކަމުގެ މައިދާނުން ޑރ މުއިއްޒުގެ ނަން ވިދާލައި މަގުބޫލުކަން ހާސިލުވެގެންދިޔައީ ގިނަ އަދަދެއްގެ މީހުންނަށް ބޮޑު ލުޔެއް ލިއްބައިދިން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބުރިޖު ފަދަ ބޮޑެތި މަސައްކަތްތަކާއިއެކުގައެވެ. ހުޅުމާލެ އަދި މާލެ ގުޅުވައިދޭ އެ ބުރިޖަކީ ވެރިރަށް މާލެ އަދި މައި ވައިގެ ބަންދަރާއި އަލަށް ބިނާކުރެވިފައިވާ ހުޅުމާލެ ސިޓީއާއިވެސް ގުޅުވާލަދީ ދިވެހިރާއްޖޭގެ ޖުމުލަ އިގްތިސާދަށްވެސް އެކަމުގެ އެނގުންވެގެންދިޔަ މައްސައްކަތެކެވެ.

2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ކުރި ވެރިކަމުގައި ޑރ މުއިއްޒުވަނީ ގިނަ މަސައްކަތްތަކެއް ފަށައި ކާމިޔާބުކަމާއިއެކު ނިންމުމުގައި އިސް ރޯލެއް އަދާކުރައްވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނުވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާބަރާއި ޖެޓީ އަދި ޕާކާއި މިސްކިތްތަކުގެ އިތުރުން އެހެނިހެން ގިނަ އިމާރާތްތަކާއި ޒަމާނީ ވަސީލަތްތައް ބިނާކުރުމުގައި ޝާމިލުވެވަޑައިގެންފައެވެ. މާލޭގެ މަގުތަކަށް އައު ރޯކަމެއް ގެނެސްދެއްވައި ތާރަ އެޅުމުގެ ވިސްނުމުގެ ފަހަތުގައިވެސް އެމަނިކުފާނުގެ ބޮޑު އަތެއް ވާކަމަށް ބުނެއެވެ. އިމާރާތްކުރުމުގައި ހިފަހައްޓަމުންދާ ބައެއް މިންގަނޑުތަކާއި ބަލައިގަނެފައިވާ ބައެއް އުސޫލުތައް ތަންފީޒުކުރުމުގައިވެސް އިސް ރޯލެއް އަދާކުރި މީހެކެވެ.

މުއިއްޒުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކަށް ބަލާއިރު، ރަސްފަންނު ބީޗު ބިނާކުރުމާއި، ހެންވޭރު ކޮޅުގައި ބިނާކުރެވިފައިވާ ކިންގް ސަލްމާން މިސްކިތް އިމާރާތްކުރުންވެސް ހިމެނެއެވެ. ސަލްޓަން ޕާކު ރީމޮޑަލް ކުރުމުގެ މަސައްކަތްތައްވެސް ކުރީ ޑރ މުއިއްޒު ހައުސިންގް މިނިސްޓަރު ގޮތުގައި ހުންނެވިއިރުކަމަށްވާއިރު، އެމަނިކުފާނުވަނީ މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކާއިއެކު އެއްބަސްވުންތައް ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޑރ މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގަތީ 2021 ވަނަ އަހަރުގައެވެ. އެމަނިކުފާނަށް އެ އިންތިހާބުގައިވެސް ވާދަކުރަންޖެހުނީ ވެރިކަން ކުރަމުންދިޔަ އެމްޑީޕީގެ މެމްބަރަކާއެވެ. އެހެންނަމަވެސް އޭރު ޕީޕީއެމްގައި ހުންނެވި ޑރ މުއިއްޒު އަދި އެމަނިކުފާނާއިއެކު އިންތިހާބަށް ކުރިމަތިލެއްވި 13 ބައިވެރިންވެސްވަނީ އެ އަހަރު ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ޑރ މުއިއްޒުއަށް ވެރިކަމަށް ކުރިމަތިލައްވަން ފުރުސަތު ލިބިވަޑައިގަތީ ކުއްލިގޮތަކަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ނިމިގެންދިއުމާއިއެކުއެވެ. ޑރ މުއިއްޒު ވާދަކުރެއްވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސްގެ ކޯލިޝަން ބައިވެރިއެއްކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓުގައެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވި ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވީ އިންތިހާބުގެ ދެވަނަ ބުރުން 54 އިންސައްތައަށްވުރެ އިތުރު އަދަދެއްގެ ވޯޓާއިއެކުއެވެ. އެމަނިކުފާނުގެ ހުވާކުރެއްވުުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

ޕީއެންސީގެ ފަރާތުން ވާދަކޮށް އިންތިހާބުވެވަޑައިގެންނެވި ޑރ މުއިއްޒު ރައްޔިތުންގެ ތާއީދު ހޯއްދެވީ އެ ވަގުތު ރާއްޖޭގައި ފެންމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމުގެ އުންމީދާއިއެކުއެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައިވެސް ޑރ މުއިއްޒުވަނީ ފާހަަގަކުރެވޭ މަސައްކަތްތަކެއް ކުރައްވާ ކުރިއެރުންތަކެއް ހޯއްދަވާފައެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ކަނޑައަޅައި އެމަނިކުފާނުވަނީ ރައްޔިތުންގެ ބަސް އިންޑިއާގެ ސަރުކާރަށް އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: