ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން: އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދެއްވި ލީޑަރެއް

ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް ހުވާ ކުރެއްވި ރަސްމީއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައި ކުރައްވައި، މަގާމާ ހަވާލުވެވަޑައިގަތީ 2013 ނޮވެންބަރު 17 ވީ އާދީއްތަ ދުވަހުއެވެ.

ސިޔާސީ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު ދެކުނުބުރީގެ މެންބަރުކަން ވިދިވިދިގެން 4 ދައުރުގައި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މުލަކަތޮޅު މުލަކު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފާހަގަވެގެންދިޔައީ، ޢިލްމީ ބަޙުޘްތައް ކުރައްވައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް ޤާނޫނީގޮތުން ޙައްލުކުރެވެން ހުރި ތަފާތު އެކި ކަންކަމުގައި ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީގެ މުޤައްރިރުކަމާއި، އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާފައެވެ.
ހަމައެއާއެކު، ޢަބްދުﷲ ޔާމީނަކީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސް ކަމުގެ ދައުރުގައި، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޤައުމަށް ގެންނަވަން ފެށްޓެވި އިޞްލާޙީ ބަދަލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިޞްލާޙީ އެތައް ކަމަކަށް ވަކާލާތު ކުރައްވައި، ޤާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅެކެވެ. އެގޮތުން ވޯޓުލެވޭ ޢުމުރު 18 އަހަރަށް ދަށްކުރުމަށްޓަކައި ތަފާތު އެކި ފަހަރުތަކުގައި މަޖިލީހުގައި ވަކާލާތު ކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވައިދެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް ޔާމީނެވެ.
ޢަބްދުﷲ ޔާމީނަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ކަމުގެ މަޤާމު 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ. އެމަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާ ކުރައްވައި، ގެންނަވަންޖެހޭ ޒަމާނީ ބަދަލުތައް ގެންނެވުމުގަޔާއި، ރާއްޖޭގައި ވިޔަފާރި ކުރުމާއި، އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހުޅުއްވާލެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާއާއި، މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރަންޓީ އެޖެންސީއާއި، ބައިނަލްއަޤުވާމީ ވިޔަފާރިއާ ގުޅުންހުރި ނުވަތަ ވިޔަފާރި އިންވެސްޓްމަންޓާބެހޭ ޖަމުޢިއްޔާތަކުގައި ރާއްޖެ ބައިވެރިވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ރައީސް މައުމޫނުގެ ދައުރުގައި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ޤާނޫނުތައް އެކުލަވައިލެއްވުމުގަޔާއި އަދި އެ ޤާނޫނުތައް ވުޖޫދަށް ގެންނެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ޔާމީނެވެ.
ޢަބްދުﷲ ޔާމީނު ފުރުއްވި ކެބިނެޓުގެ އެހެން މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ކަމުގެ މަޤާމުވެސް ހިމެނެއެވެ.
އެމަނިކުފާނު ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ، 27 ޖުލައި 1978 ގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޜަންގެ މައްސާޙުގެ މަޤާމުންނެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިނގިރޭސި ސެކްރެޓެރީ ކަމުގެ މަޤާމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިސަރޗް އޮފިސަރު ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިޔުރޯގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
ރާއްޖޭގެ ވިޔަފާރި އިދާރާ، އެސް.ޓީ.އޯ.ގެ ޗެއަރމަނެއްގެ ޙައިޘިއްޔަތުން، އެ ކުންފުނީގައި 13 އަހަރު ޚިދުމަތް ކުރެއްވިއެވެ. ހަމަ އެ އަހަރުތަކުގެ ތެރޭގައި، 1993 ވަނައަހަރުން ފެށިގެން 2005 ވަނައަހަރާ ހަމައަށް ދިވެހިރާއްޖޭގެ ކަރަންޓާބެހޭ މައި ކުންފުނިކަމަށްވާ ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ލިމިޓެޑުގެ ޗެއަރމަންކަން ކުރެއްވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ.
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސީ ޙަޔާތްޕުޅުގެ ތެރެއިން، ސިޔާސީ ޕާޓީތައް ދިވެހިރާއްޖެއަށް ތަޢާރުފުވެގެންގޮސް، އެކިއެކި ސިޔާސީ ޕާޓީތައް އުފެދިގެން ދިޔައިރު، ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ، އުފެއްދެވުމުގައި މުހިންމު ދައުރެއްވަނީ އަދާކުރައްވާފައެވެ. އަދި އޭގެފަހުން، އެމަނިކުފާނު ވަނީ ޚުދު އަމިއްލަފުޅު ސިޔާސީ ޕާޓީއެއް ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ނަމުގައި އުފައްދަވައި، އެ ޕާޓީގެ ރައީސެއްގެ ހައިޘިއްޔަތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ހަމަ އެހެންމެ، ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތީން ފަހުން އުފެއްދެވި، ”ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް“ (ޕީ.ޕީ.އެމް) އުފެއްދެވުމުގައި އިސް ދައުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، އެމަނިކުފާނު ކާމިޔާބު ކުރެއްވީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބޭއްވުނު ވާދަވެރި ރިޔާސީ ޕްރައިމަރީގެ ޓިކެޓު ހޯއްދަވައިގެން ޕީ.ޕީ.އެމް.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވައިގެންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފަށާތަޢުލީމާއި، މެދުމަދުރަސީ އަދި ޘާނަވީ ތަޢުލީމު ފުރިހަމަ ކުރެއްވީ މާލޭގެ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ލުބުނާނުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުންނެވެ. އެއަށްފަހު، އެމެރިކާއަށް ވަޑައިގެން ކެލިފޯނިއާގެ ކްލެއަރމޮންޓް ގްރެޖުއޭޓް ސްކޫލުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރޒް ޑިގްރީއަށް ކިޔަވައި ވިދާޅުވިއެވެ.
 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކައިވެނިފުޅު ބައްލަވައިގަތީ، ގަލޮޅު ރޯޒަރީ އަލްފާޟިލާ ފާޠިމަތު އިބްރާހީމާއެވެ. މިދެކަނބަލުންނަށް 3 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ، 2 ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފާހަގަކުރެވޭ މަޝްރޫއުތަކުގެ ތެރޭގައި މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގެ ތަރައްގީގެ އެންމެ ބޮޑު އަދި ބިޔަ މަޝްރޫއުއެވެ. މި ބްރިޖުގައި ދިގުމިނުގައި 1.4 ކިލޯމީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުންނައިރު، މާލޭގެ އިރުމަތީ ފަރާތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލޭ އައިލެންޑްގެ ހުޅަނގު ކަނާ ގުޅުވައިދެ އެވެ.

 

ބްރިޖް އެޅުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ކަމަށްވާއިރު، ރައީސް ޔާމީން ވަނީ 30 އޮގަސްޓް 2018 ގައި ސިނަމާލެ ބްރިޖް އިފްތިތާހުކޮށްދެއްވާފައެވެ.

 

ރާއްޖޭގެ މައި ގޭޓްވޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އޭރު އެމަނިކުފާނުގެ ސަރުކާރުން ލަފާ ކުރިނަމަވެސް މަޝްރޫއުއެއްކޮށް ނިންމާ ނުލެވެނީސް ސަރުކާރުގެ ދައުރު ހަމަވި އެވެ. އަދި ދެވަނަ ދައުރެއް ނުލިބި، އެމަނިކުފާނު ޖެހިވަޑައިގަތީ ސިޔާސީ މައިދާނުގައި އިދިކޮޅު ޕާޓީގެ ލީޑަރުގެ ރޯލު އަދާކުރައްވާށެވެ.

ވެރިކަމުގައި ވެސް އެންމެ ބޮޑެތި ސިޔާސީ އަޑިގުޑަންތަކާއި ކުރިމަތިލާން ޖެހުނު ރައީސް ޔާމީން ހަމަ އެ ހާލަތާއި އިދިކޮޅުގައި ހުންނަވައި ވެސް ކުރިމަތިލާން ޖެހިވަޑައިގަތެވެ. 2015 ގައި އެމަނިކުފާނު އިންނެވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއިން ފެށިގެން، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ހައްޔަރު ކުރުމާއި، ރާއްޖޭގެ ތާރީހުގެ ވެސް އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަ ފަޅާ އެރުން އަދި ހިބަޅިދޫގެ ފަޅުތެރެއިން ފެނުނު ހަތިޔާރުތަކާއި، ސިޔާސީ ހައްޔަރީންގެ އެތައް މައްސަލައެއްގެ އިތުރުން ފެބްރުއަރީ އެކެއްގެ އަމުރަކީ މިއީ ރައީސް ޔާމީނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކެވެ.

އޭގެ ފަހުން ވެރިކަން ބަދަލުވުމަށް ފަހު، ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާވިކަމަށް ބުނާ މައްސަލައިގައި އެކި ފަހަރު މަތީން ފުލުހަށް ހާޒިރު ކުރުމަށް ފަހު އެންމެ ފަހުން ހެއްކަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައި ބަންދުގައި ވެސް ބެހެއްޓި އެވެ. އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތު ވެ ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: