ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް: މައުމޫން އަބްދުލް ގައްޔޫމް

ރައީސް މައުމޫން އަބްދުލްގައްޔޫމް، ގާނޫނު އަސާސީ ތަސްދީގުކުރައްވާ ސޮއިކުރައްވަނީ.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 ވީ ބުދަ ދުވަހުއެވެ. މައްޗަންގޮޅީ ކާމިނީގެއަށް އުފަން ރައީސް މައުމޫނަކީ ރާއްޖޭގެ ތާރިހުގައިވެސް އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ހަމައެކަނި ރައީސްއެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރަށްފަހުއެވެ. އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަވެސް ކުރެއްވި ކަމެއްގޮތުގައި ފާހަގަކޮށްލެވެނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި ޕްރައިމަރީ ސްކޫލެއް އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ހިންގަވަންފެއްޓެވީވެސް ވަގުތީ އިމާރާތްތަކުގައެވެ. އެހެންނަމަވެސް ޖަޕާނުގެ ސަރުކާރުގެ އެހީގައި އިމާރާތްކުރެވުނު އާއިމާރާތްތަކަށް މިތަންތަން ބަދަލުކުރެއްވިއެވެ.

އެމަނިކުފާނު 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދުނުކެނޑި ހިންގަމުން އައި އަމިއްލަ މަދަރުސާތަކަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު އުމުރު ހަމަވާ ކުދިންނަށް ތައުލީމު އުނގެނޭނެ ފުރުސަތު ފަހިކޮށްދެއްވިއެވެ. އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 2008 ވަނަ އަހަރު ނިމުނުިއިރު ސަރުކާރުގެ ދަށުން ހިނގަމުންއައި 221 ސްކޫލުގައި ތައުލީމުދެވެން ފެށުމެވެ.

މައުމޫން ރައީސްކަމާ ހަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ މާލޭގެ 2 ސްކޫލުގައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ. އަދި މަތީތައުލީމަށް މަގުފަހިކުރުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫއާއި، ހދ. ކުޅުދުއްފުށީގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު އެސްކޫލުތަކުގައި ދޭން ފެއްޓެވިއެވެ.

މީގެއުތުރުންވެސް ރާއްޖޭގައި ދީނި ތައުލީމު ފުޅާކުރެއްވުމުގެ މަގްސަދުގައި 9 ފެބްރުއަރީ 1980 މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ.

1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. މީގެއިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން އެމަނިކުފާނުގެ ސަރުކާރުން އުފެއްދެވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ތައުލީމަށް ދެއްވި އަހަންމިޔަތުކަމުގެ އިތުތުރުން ސިއްހީ ދާއިރާއަށާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި މަސްވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ބަދަލުތަށް ގެނެސްދެއްވިއެވެ. ރައިސް މައުމޫން ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. އަދި ރާއްޖޭގައި އެންމެ 7 ޑޮކްޓަރުން ހިދުމަތް ކުރެއްވިއިރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވީނަމަވެސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރެއްވީ އެންމެ ހެލްތު އެސިސްޓަންޓެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދައުރު ނިމިގެންދިޔައިރު ސިއްހީ ހިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި އަދި 800 ކޮމިއުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވިއެވެ.

ރައީސް މައުމޫން ޞިއްޙީ މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަމަށް ބަލާއިރު ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރައްވާ އަދި 5 އަހަރުން ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި ވަނިކޮށް އެ ޢަދަދު 18 އަށް ތިރިކުރެވޭނެ ނިޒާމެއް ތައާރަފްކުރެއްވިއެވެ. ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ނުހަނު ކާމިޔާބު ކަމާއެކު ހިންގެވި މަޝްރޫއުއެކެވެ. އަދި ރާއްޖެއިން ޖުޒާމްބަލި ނައްތައިލުމާއި، 1997 ވަނަ އަހަރު ޕޯލިޔޯ ނައްތައިލުމާއި، 1984 ވަނަ އަހަރު މަލޭރިޔާ ނައްތާލުން ފަދަ މުހިންމު އަދި ރައްކާތެރި ކަންކަމަކީ އެމަނިކުފާނު ކާމިޔާބުކަމާއެކު ފުރިހަމަޔަށް ކުރެއްވި މަސައްކަތްތަކެވެ.

ރައީސް މައުމޫން ވެރިކަމާއި ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުން ވަނީ ރާއްޖޭން ހިކި ކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ މަޝްވަރާކުރައްވާ 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖއްސައިދެއްވިއެވެ. އަދި މަސްވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 އަށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.

ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިންގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ. 1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ.

މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ.

1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް އާމްދަނީއެއް ނުލިބުނު ނަމަވެސް ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރަށް ރަށުގެ މިސްކިތާއި އޮފީސްތަކަކީ ދައުލަތުގެ ބަޖެޓުން އިމާރާތްކުރާ ތަންތަނެއް ނޫނެވެ. އެތަންތަން އިމާރާތްކޮސް ހުރިހާ މަސައްކަތެއް އެތަންތަނުގެ ކުރަނީ ރައްޔިތުންގެ ހަރަދުގައެވެ. އަދި އެއްވެސް އޮފީހެއްގައި ގައުމީ ދިދަ ނެގުމުގެ ހުއްދައެއްވެސް ނޯވެއެވެ. އެހެންނަަމަވެސް ރާއްގެ ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން ރާއްޖޭގައި އޮފީސްތަކާއި އަދި މިސްކިތްތަށް ބިނާކޮށްދެއްވައި އެތަންތަން ޒަމާނީފެންވަރަށް ތަރައްގީކޮށްދެއްވިއެވެ.

ރައީސް މައުމޫނަކީ ރާއްޖޭގައި އަލަށް އެތައް ތަނެއްހުޅުވައިދެއްވައި ރާއްޖެއަށް އެތައް ކަމެއް ތައާރަފްކޮށްދެއްވި ރައީސެކެވެ. އެމަނިކުފާނު ކުރެއްވި ގިނަ މަސައްކަތް ތަކުގެ ތެރެއިން ފާހަގަކޮށްކެވޭ ބިޔަ މަޝްރޫއުތަށް އެބަހުއްޓެވެ. އެގޮތުން މާލޭގެ ބިންހިއްކުމުގެ މަޝްރޫޢު އާއި މާލޭ މަގުހެދުމުގެ މަޝްރޫޢުގެ އުތުރުންވެސް ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމަކީ އެމަނިކުފާނު ކުރެއްވި ތާރީހީ މަސައްކަތްތަކެވެ.

މާލޭގައި ހުންނަ އެންމެ ރީތިކޮށް ފަރުމާކޮށްފައިވާ އިސްލާމީ މަރުޒަކީވެސް އެމްނިކުފާނުގެ ވެރިކަމުގައި ބިނާކުރެއްވި ތަނެކެވެ.

އިލެކްޓްރިކް އަލިން ރާއްޖޭގެ އެކިކަންކޮޅުތައް ދިއްލައިލައި އާސާރީ ތަރިކާ ޙިމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތް ފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުމަށް ކުރެއްވި މަސައްކަތްވެސް ކާމިޔާބު ކަމާއެކުނިންމަވާލެއްވިއެވެ.

ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސަވާ މީގެއިތުރުން ރަށްރަށުގައި ކޯޓުތައް އުފެއްދެވިއެވެ. އަދި ދިވެހިރާއްޖޭގައި ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވީވެސް ރައީސް މުއުމޫން ވެރިކަމުގައެވެ. މިހާރު ރާއްޖޭގައި ތަރައްގީވެފައިވާ ގިނަތަންތަނުގެ ބިންގާ އަޅައިދެއްވީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވިއެވެ. އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުމުގެ އިތުރުން، އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވީވެސް އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައެވެ.

ނޫސްވެރިކަން ރާއްޖޭގައި ތަރައްގީ ކުރައްވައި، ޗާޕުގެ ޚިދުމަތްވެސް ފުޅާ ކުރެއްވިއެވެ. އަދި އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމްފަދަ ހިތްވަރު ދިނުމުގެ އިނާމްތައް އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވިއެވެ. އަދި މީގެއިތުރުން ފާހަގަކޮށްލެވޭ ތާރީހީ ބިޔަ މަޝްރޫއަކީ އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުމެވެ.

މަލްޓިޕާޓީ ޑިމޮކްރެސީ އަކީ ވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ރާއްޖެއަށް ތައާރަފް ކުރެއްވިއެއްޗެކެވެ. ގައުމުގެ ބޮޑެތިތަންތަނާއި މުހިންމު ކަންކަން ކުރައްވާ އެތަންތަނުގެ ބިންގާ އަޅައިދެއްވި ވެރިއަކީ ރައިސް މައުމޫންއެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަންނިމި ދެން ވެރިކަމަށް ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދެވެ. އެހެންކަމުން ޑިމޮކްރެސީގެ ރިވެތި އުސޫލުތަށް ދޫކޮށްނުލައްވާ ރައީސް މައުމޫން ރައީސް ނަޝީދުއަށް ވަނީ މަރުހަބާވެސް ދަންނަވާފައެވެ. ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ގައުމަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ރައީސެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: